އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލައިފި

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރުވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފޯމު އެ ޕާޓީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މި މަހުގެ 30 ގައި ބާއްވަން ނިންމާފައިވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެއީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

މި ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ކަމަށް ކަނޑައަޅައި އެމަނިކުފާނު މިނިވަންކޮށް، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ. މީގެއިތުރުން ވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ގޮވާލުމާ އެއްގޮތަށް، އެމަނިކުފާނަށް ފުރުސަތު ދޭން ސަރުކާރަށް މަޖުބޫރުވާނެތީވެ، އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެކަމަކު ސަރުކާރުން ބުނެފައި ވަނީ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަމެއް ނޯންނާނެ އެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ، އެ ހުކުމް ބާތިލްކުރެވޭނެ ގާނޫނީ މަރުހަލާއެއް ނެތް ކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

މި ވާހަކައިގެ ރައްދެއްގެ ގޮތުގައި، އެމްޑީޕީން ދައްކަނީ، ނަޝީދު ހިމެނޭ ގޮތަށް ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި މިދިޔަ ފެބުރުއަރީ 1 ގައި ފަނޑިޔާރުން ނެރުއްވި އަމުރެވެ. އެއީ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ކުރެއްވި އަމުރެއް ތުހުމަތުކޮށް، ލީޑަރުން މިނިވަން ކުރަން އަމުރުކުރި ބައި، އެ ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ ބާތިލްކޮށްފަ އެވެ.