ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން: ކިސް
ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން: ކިސް

ވިކްޓަރީ މިހާރު އޮތް ހިސާބަށް ބަލާއިރު ލީގު ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެންމެ ބޮޑު ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން ކަމަށް އެ ޓީމުގެ އާ ކޯޗު ހަންގޭރީގެ ކޯޗު ލާސްލޯ ކިސް ބުނެފި އެވެ.

ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން: ކިސް
ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން: ކިސް

މީގެ ކުރިން ވެލެންސިއާ އާއި ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދިން ކިސް ވިކްޓަރީއާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. ކިސްގެ ކޯޗުކަމުގައި ވިކްޓަރީގެ ނަތީޖާ ރަނގަޅުވެއްޖެނަމަ އަންނަ ސީޒަނުގައި ވެސް އޭނާ ބެހެއްޓުމުގެ ވިސްނުން އެޓީމުން ގެންގުޅެ އެވެ.

"ވިކްޓަރީން ދިން ފުރުސަތަށް ޝުކުރިއްޔާ. ލީގުގައި ވިކްޓަރީ އޮތް މަގާމަށް ބަލާއިރު ލީގަށް ވާދަކުރުމަކީ ވާނެ ކަމެކޭ އަހަންނެއް ނުބުނާނަން. އެކަމަކު އެންމެން މަސައްކަތް ކޮށްފިނަމަ މަތީ ވަނަ އެއް ހޯދިދާނެ. ޓާގެޓަކީ ފުރަތަމަ ޑިވިޝަންގައި އޮތުން. އަންނަ ސީޒަނުގައި ވިކްޓަރީން ފުރުސަތު ދީފިނަމަ ދެން ބޮޑު ކާމިޔާބީ އަކަށް ޓާގެޓް ކުރެވޭނެ،" މިއަދު މެންދުރު ފަހު ސަލްސާ ރޯޔަލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކިސް ބުންޏެވެ.

ވެލެންސިއާގެ ތާރީހުން ހާއްސަ ޖާގައެއް ހޯދާފައިވާ ކިސް އެންމެ ފުރަތަމަ ރާއްޖެ އައީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ދެ ފަހަރެއްގެ މަތިން ވެލެންސިއާ އަށް ކޯޗުކޮށްދިނެވެ. އޭނާގެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމާއި 2004 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުން ހިމެނެ އެވެ. އޭނާ ވެލެންސިއާ އަށް އެންމެ ފަހުން ކޯޗުކޮށްދިނީ 2005 ގަ އެވެ.

އޭގެ ފަހުން އޭނާ ރާއްޖެ އައީ ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދޭށެވެ. ކިސް ވަނީ އެ ޓީމަށް 2009 އަދި 2010 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދި އެވެ. މައްސަލަ ބޮޑު އެކަމަކު ކާމިޔާބު ކޯޗެއްގެ ގޮތުގައި ސިފަކުރެވޭ ކިސް ވަނީ 2013 ވަނަ އަހަރު ރާއްޖޭގެ ގައުމީ ކޯޗުކަމަށް ވެސް ކުރިމަތިލައިފަ އެވެ.

ކިސްގެ ކޯޗުކަމުގައި އޭނާ ވަނީ އެތަކެއް ފަހަރެއްގެ މަތިން ވިކްޓަރީއާ ދެކޮޅަށް ކުޅެފަ އެވެ. ކިސް ބުނީ ވިކްޓަރީ އަކީ ކުރިން އޭނާ އެންމެ ޖެހިލުންވާ އެއް ޓީމު ކަމަށެވެ.

"އަހަރެންނަށް އެނގޭ ވިކްޓަރީ އަކީ ކޮން ފެންވަރެއްގެ ޓީމެއްކަން. އަހަރެން ވާނީ މީގެ ކުރިން ވިކްޓަރީއާ ދެކޮޅަށް ކުޅޭ ޓީމުތަކަށް ކޯޗުކޮށްދީފައި. އަހަރެން ހަނދާން ހުރޭ 2005 ވަނަ އަހަރު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ވިކްޓަރީން ދެއްކި މޮޅު ކުޅުން. އެ ފަދަ ވިކްޓަރީ އެއް އަލުން ބިނާކުރަންވީ،" ކިސް ބުންޏެވެ.

ވިކްޓަރީން ވަނީ މިއަދު ނިއު ރޭޑިއަންޓަށް މި ސީޒަނުގެ ކުރީ ބައިގައި ކުޅުނު މިޑްފީލްޑަރު ފަރުހާދް އިސްމާއިލް އެ ޓީމަށް ގެނެސްފަ އެވެ. އަދި ނިއުގެ މިޑްފީލްޑަރު ރިލްވާން ވަހީދު ވެސް ރިލީސް ލިބުނުހާ އަވަހަކަށް ވިކްޓަރީ އަށް ބަދަލުވާން ނިންމާފައިވާކަން އެނގިފައިވެ އެވެ.