15 މެއި 2018 - 12:17

އާ ހާބާރު ސަރަހައްދުގައި ތާރު އަޅައިގެން ހެދި އިއްޒުއްދީން މަގުގެ މަސައްކަތް ނިންމާ، މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅުތުއްކަލާ ކޮށީގެ ހުޅަނގުން އޮންނަ އިއްޒުއްދީން މަގު އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް އޮތް މަގު އަލުން ހެދީ ދެ ކޮޅަށް ދުއްވޭ ވަރަށް ފުޅާކޮށްފަ އެވެ.
އިއްޒުއްދީން މަގުގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ކުރީ ކޮޅެވެ. މިއީ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން މެރީބްރައުންއާ ހަމައަށް ތާރު އަޅައިގެން ހަދާފައިވާ ބޮޑުތަކުރުފާނު މަގަށް ފަހު މާލޭގައި ތާރު އަޅައިގެން ހެދި ފުރަތަމަ މަގެވެ.
މާލޭގެ ބޮޑެތި މަގުތަކަށް ހައުސިން މިނިސްޓްރީން އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ނިމެންވާ އިރަށް ބޮޑުތަކުރުފާނު މަގު، ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ފުޅާކޮށް، ތާރު އަޅައިގެން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.