ފުރަތަމަ 5ޖީ ނެޓްވޯކުގެ ޚިދުމަތާ އެކު އުރީދޫ ގްރޫޕް ތާރީޚުގެ ތެރެއަށް
ފުރަތަމަ 5ޖީ ނެޓްވޯކުގެ ޚިދުމަތާ އެކު އުރީދޫ ގްރޫޕް ތާރީޚުގެ ތެރެއަށް

އުރީދޫ ގުރޫޕުން ދުނިޔޭގެ ފުރަތަމަ ކޮމާޝަލް 5ޖީ ނެޓްވޯކުގެ ޚިދުމަތް ގަތަރުގައި ދޭން ފަށައިފި އެވެ.

ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ އުރީދޫން "އިވޮލިއުޝަން ޓު 5ޖީ"ގެ ނަމުގައި، ދުނިޔޭގެ ފުރަތަމަ "5ޖީ ނިއު ރޭޑިއޯ" ނެޓްވޯކް ތައާރަފު ކުރީ ގަތަރުގެ ވިޔަފާރި ބޭނުންތަކަށް ޚާއްސަ ކޮށްކޮށްގެން އިއްޔެ އެވެ.

އުރީދޫން ގަތަރުގައި ޚިދުމަތް ދޭން ފެށި 5ޖީ ނެޓްވޯކުގެ ސްޕީޑަކީ 2.3 ޖީބީޕީއެސް އެވެ. އުރީދޫން ބުނީ، ގަތަރުގެ އިތުރުން އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ އެހެން ގައުމުތަކަށް 5ޖީގެ ޚިދުމަތް ފޯރުކޮށްދޭން ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލްޓްރާ ފާސްޓް 5ޖީ ނެޓްވޯކް މިހާރު ގަތަރުގައި ބޭނުންކުރަމުން އަންނަ އިރު، މިއީ 4ޖީ ނެޓްވޯކްގެ ސްޕީޑަށް ވުރެ ދެ ގުނަ ބާރު ސްޕީޑެއް ލިބޭ ނެޓްވޯކެކެވެ.

އުރީދޫ އިން ބުނީ 5ޖީ ނެޓްވޯކްގެ ސަބަބުން ޒަމާނީ އާ އުފެއްދުންތަކަށް ވަރަށް ބޮޑު ބާރެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ތައާރަފުވާ ޑްރައިވަރުންނާ ނުލާ ދުއްވާ ކާރުތަކާއި، ރޮބަޓް ބޭނުންކޮށްގެން ހަދާ ސާޖަރީތަކާއި ވާޗުއަލް ރިއަލިޓީ ގޭމްތަކަށް ވެސް 5ޖީ މުހިންމު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ އާ ނެޓްވޯކާއި އެކު ލިބޭ ހަލުވި ސްޕީޑުގެ ސަބަބުން އުރީދޫ "ސްމާޓް ސިޓީ" ތަސައްވުރު ކާމިޔާބުވާން އިތުރު ބާރަކަށް ވާނެ ކަމަށެވެ. އަދި 5ޖީ ނެޓްވޯކާ އެކު ގަތަރުގައި ސްމާޓް ސިޓީތަކުގެ އިތުރުން ސްމާޓް ސްޓޭޑިއަމްތައް ވެސް ގާއިމް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.