15 މެއި 2018 - 08:19

ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުން ކްލަބް ވެމްކޯ ބަލިކޮށް ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އިން ރޭ ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލުގެ ޖާގަ މައިޑާ އަށް ލިބުނީ އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވެމްކޯ އަތުން 3-2 އިން މޮޅުވެގެންނެވެ. މައިޑާ މި މުބާރާތުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބް އަތުން އެކަންޏެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ފުރަތަމަ ދެ ސެޓުގައި ވެސް މައިޑާ ފެނުނީ ވަރުގަދަ ކޮށެވެ. އެ ޓީމަށް މި މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި އައިޝަތު މާޖިދާ މި މެޗުގައި ވެސް ފެނުނީ ރަނގަޅު ފޯމެއްގަ އެވެ. އޭނާގެ އިތުރުން އެ ޓީމުގެ ފާތިމަތު ތޮހޫރާ އާއި ފާތިމަތު މަޒިއްޔާގެ ކުޅުން ވެސް ފާހަގަ ކޮށްލެވެ އެވެ. ވެމްކޯގެ މަައްޗަށް ފުރަތަމަ ދެ ސެޓުގައި މައިޑާ އިން ކުރި ހޯދީ 22-25 އިންނެވެ.
ފުރަތަމަ ދެ ސެޓުގައި ވެމްކޯގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ތިން ވަނަ ސެޓު ފެށިގެން މައިޑާ ކުޅުންތެރިން ވަރުބަލިވާން ފެށުމުން ވެމްކޯ އިން އޭގެ ފައިދާ ނަގަން ފެށި އެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި ސެޓުގެ މެދެއްހާ ހިސާބުން ދެ ފަހަރެއްގެ މަތިން ދެ ޓީމު ޕޮއިންޓް އެއްވަރުވި އެވެ. އެންމެ މުހިއްމު ވަގުތުގައި މައިޑާގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ވެމްކޯ އިން މި ސެޓު ގެންދިޔައީ 25-23 އިންނެވެ. މި ސެޓުގައި ވެމްކޯގެ ޖޫޒަން ޒަރީރާއި ހައްވާ ސަހާ އަދި އައިމިނަތު އަރީޝާ ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ.
ތިން ވަނަ ސެޓު ލިބުމުން ވެމްކޯ އިން ހަތަރު ވަނަ ސެޓަށް ނުކުތީ އިތުބާރާ އެކު އެވެ. އެ ހިތްވަރާ އެކު އެ ޓީމުން މި ސެޓު ކާމިޔާބުކުރީ ރަނގަޅު ލީޑަކާ އެކު އެވެ. ވެމްކޯ އިން މި ސެޓު ގެންދިޔައީ 25-15 އިންނެވެ. މި ސެޓުގައި ވެމްކޯގެ ޝައުފާ އާދަމް އާއި އަރީޝާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ފަސް ވަނަ ސެޓު ފެށިތަނުން ވެމްކޯ އިން ލީޑެއް ނެގި އެވެ. އެހެން ނަމަަވެސް މި ސެޓުގައި މާޖިދާ ވަނީ ޓީމު ލީޑުކުރުމުގައި ތަފާތު ދައްކައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. ފުލުފުލުގައި ރަނގަޅު އެޓޭކްތަކެއް މައިޑާގެ ފަރާތުން ފެނުނުއިރު، ވެމްކޯ އަށް ގިނަ ގޯސްތަކެއް މި ސެޓުގައި ހެދުނެވެ. އޭގެ ފައިދާ ނަގައި މައިޑާ އިން މެޗު ކާމިޔާބުކުރީ 9-15 އިން މި ސެޓު ގެންގޮސްގެންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް މައިޑާގެ މާޖިދާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ސޮފްވާން އަހުމަދު އެވެ.
މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ ޖޫޒާން، އަރީޝާ، ޝައުފާ، ސިލްމާ އަދި ސަހާގެ އިތުރުން ޕޮލިހުގެ ހައްވާ ރާޝިދާ އަދި ހަމްނާ ހުސެއިން އެވެ. ފެއާ ޕްލޭ ޓީމަކީ މާޒިޔާ އެވެ.