ދިރާގުގެ ހިއްސާ އަކަށް 11.81ރ. ބަހަން ފާސްކޮށްފި
ދިރާގުގެ ހިއްސާ އަކަށް 11.81ރ. ބަހަން ފާސްކޮށްފި

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާ އަކަށް 11.81ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ދިރާގުގެ ހިއްސާ އަކަށް 11.81ރ. ބަހަން ފާސްކޮށްފި
ދިރާގުގެ ހިއްސާ އަކަށް 11.81ރ. ބަހަން ފާސްކޮށްފި

ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ކުންފުނިން ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ 29 ވަނަ އަހަރީ އާންމު ޖަލްސާގައި، ހިއްސާ އަކަށް 11.81ރ. ބަހަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92 ޕަސެންޓް ވޯޓާ އެކު އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވީ 116 ހިއްސާދާރުން ތަމްސީލުކޮށްދޭ 53 މީހެކެވެ. އެ ހިއްސާދާރުން ރަމްޒު ކޮށްދެނީ ދިރާގުގެ ޖުމްލަ ހިއްސާގެ ގާތްގަނޑަކަށް 93.5 ޕަސެންޓެވެ.

ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ، ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ރަމްޒު ކޮށްދެނީ 71 މިލިއަން ހިއްސާ ކަމަށެވެ. އެ ކުންފުނީގެ ޖުމްލަ ހިއްސާ އަކީ 76 މިލިއަނެވެ.

އޭނާ ވިދާޅުވީ ދިރާގުގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތްތައް ފުޅާވަމުން އަންނަ އިރު، އެކަމުގެ ބޭނުން އެންމެ ފުޅާދާއިރާއެއްގައި ހިފުން ކަމަށެވެ. އެގޮތުން ދިރާގުން މިދިޔަ އަހަރު ގިނަ ޚިދުމަތްތަކެއް ތައާރަފް ކުރި އިރު، މި އަހަރަކީ ވެސް އާ ޚިދުމަތްތައް ފެނިގެން ދާނެ އަހަރެއް ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

އަޝްމަލީ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓަރީ ވެފައިވާ މީހުންނަށެވެ.

ދިރާގުގެ ބޯޑަށް ޕަބްލިކް ޑިރެކްޓަރެއްގެ ގޮތުގައި އިމްރާން އަލީ މިރޭގެ ޖަލްސާގައި އިންތިޚާބު ކުރި އެވެ. އޭނާ އަކީ މިހާރު ވެސް ދިރާގުގެ ބޯޑުގައި ނޮން އެގްޒެކެޓިވް، އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވާ ބޭފުޅެކެވެ.

މިރޭގެ ޖަލްސާގައި ވަނީ، މި އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް، މިދިޔަ އަހަރު ވެސް އެ މަސައްކަތް ކުރި ކޭޕީއެމްޖީ ހަމަޖައްސަން ފާސްކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ދިރާގު އޮޑިޓްކުރި ކޭޕީއެމްޖީ ވަނީ، މި އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް އައްޔަން ކޮށްފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ދިރާގަށް ވަނީ 898 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފަ އެވެ. އޭގެ ކުރިން، 2016 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނީ 840 މިލިއަން ރުފިޔާ އެވެ.