14 މެއި 2018 - 16:22

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމަށް ލަފާދޭނެ ގައުމީ ކޮމެޓީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެކުލަވާލައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، 17 މެމްބަރުން ހިމެނޭ ކޮމެޓީ އެކުލަވާލައި، އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމަށް ލަފާދޭ ގައުމީ ކޮމެޓީގައި ހިމެނޭނީ ސިޔާސީ ހަ ޕާޓީގެ އިތުރުން ދައުލަތުގެ 10 މުއައްސަސާއަކާއި ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ.
"ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ އޮންނާނެ. އިންތިޚާބާ ގުޅޭ ކަންކަމާއި ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ. އަދި މި ކޮމިޝަނަށް ބޭނުންވާ ލަފާ ހޯދުން ވެސް އޮންނާނެ،" އަކްރަމް ވިދާޅުވި އެވެ.
އިންތިޚާބަށް ލަފާދޭ ކޮމެޓީ އަކީ، އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީއެކެވެ. ރިޔާސީ އިންތިޚާބާ ބެހޭ ކަންކަމުގައި އީސީ އަށް ލަފާ ދޭނީ އެ ކޮމެޓީންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. .