ފޭކް ނިއުސްގެ ގާނޫނު އުވާލަން މަހާތިރު މިހާރު ބޭނުމެއް ނުވޭ
ފޭކް ނިއުސްގެ ގާނޫނު އުވާލަން މަހާތިރު މިހާރު ބޭނުމެއް ނުވޭ

ކުއާލަ ލަމްޕޫރު (މެއި 14) - މެލޭޝިއާގައި ފަހަކަށް އައިސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެކައްޗަކީ ފޭކް ނިއުސްގެ ގާނޫނެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަހާތިރު މުހައްމަދު ހުންނެވި އިރު އެމަނިކުފާން ވެސް ވަނީ ވެރިކަން ލިބިއްޖެ ނަމަ އެ ގާނޫނު އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ވެރިކަން ލިބިވަޑައިގަތުމުން މަހާތިރުގެ ވެސް ރާގު ބަދަލުވެއްޖެ އެވެ. މަހާތިރު މިހާރު ވިދާޅުވަނީ ޚިޔާލު ފާޅު ކުރުމުގައި ވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. އެ ގާނޫނުގެ ދަށުން މަހާތިރުގެ މައްސަލައެއް ވެސް ވަނީ ބަލަން ފަށައިފަ އެވެ.

މަހާތިރު ވިދާޅުވީ ފޭކް ނިއުސްގެ ގާނޫނު އުވާލުމުގެ ބަދަލުގައި އެ ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށެވެ.

"ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އަޅުގަނޑުމެން ތާއިދު ކުރި ނަމަވެސް އެއީ ހައްދެއް އޮންނަން ވާނެ ކަމެއް. އެ ގާނޫނު އަލުން މުރާޖައާ ކުރުމުން މީޑިއާ އާއި އާއްމުންނަށް ވެސް އެނގޭނެ ފޭކް ނިއުސް އާއި ފޭކް ނޫން ނިއުސް،" މަހާތިރު ވިދާޅުވި އެވެ.

އިންތިޚާބުގެ ކުރިން ފާސްކުރި ފޭކް ނިއުސްގެ ގާނޫނުގެ ދަށުން ކުށްވެރިވެއްޖެ ނަމަ ހަ އަހަރަށް ޖަލަށްލުން ނުވަތަ 500،000 ރިންގިޓް (128،000 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ އެވެ.