އިންޑިއާގެ ހަތަރު ސްޓޭޓަކަށް ތޫފާން އަރައި 60 މަރު
އިންޑިއާގެ ހަތަރު ސްޓޭޓަކަށް ތޫފާން އަރައި 60 މަރު

އުއްތަރަ ޕްރަދޭޝް (މެއި 14) - އިންޑިއާގެ ހަތަރު ސްޓޭޓަކަށް އިއްޔެ ހަވީރު އެރި ބާރުގަދަ ތޫފާނެއްގައި 61 މީހުން މަރުވެއްޖެ އެވެ.

ތޫފާނުގެ ގަދަ ވަޔާ އަދި ހޮނުއެޅުމުގެ ސަބަބުން ވަނީ ބައެއް އަވަށްތަކުން ގިނަ އަދަދެއްގެ ގެ ވެއްޓިފަ އެވެ. އެންމެ ގިނަ މީހުން މަރުވި އުތުރުގެ ސްޓޭޓް އުއްތަރަ ޕްރަދޭޝް އިން ވަނީ 38 މީހުން މަރުވެފަ އެވެ. އެ ސްޓޭޓަށް މި މަހު ކުރީކޮޅު އެރި ތޫފާނެއްގައި ވެސް ވަނީ 70 މީހުން މަރުވެފަ އެވެ. ދެކުނުގެ އަންދްރަ ޕްރަދޭޝް އިން ވަނީ 12 މީހުން މަރުވެފަ އެވެ. އިރުމަތީގެ ވެސްޓް ބަންގާލް އިން ވަނީ ނުވަ މީހުން މަރުވެފަ އެވެ. އަދި ވެރިރަށް ދިއްލީ ހިމެނޭ ސަރަހައްދުން ވަނީ ދެ މީހުން މަރުވެފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ހަތަރު ސްޓޭޓަށް އިތުރު ތޫފާންތައް އަރާނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ލަފާކޮށްފައިވެ އެވެ.

"ނުރައްކަލުން އަދި ސަލާމަތެއް ނުވޭ،" އުއްތަރަ ޕްރަދޭޝް ރިލީފް ކޮމިޝަނާ ސަންޖޭ ކުމާރު ވިދާޅުވި އެވެ.

ތޫފާން އެރުމުގެ ކުރިން އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ މީހުން ބޭރަށް ނުނިކުތުމަށް އިންޒާރު ނެރެފަ އެވެ. ތޫފާނުގައި ވަނީ ގަޑިއަކު 109 ކިލޯ މީޓަރު (67 މޭލު) ގެ ބާރު މިނުގައި ވައި ޖެހިފަ އެވެ.

ތޫފާނުގެ ސަބަބުން ދިއްލީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ވަނީ 70 އަށް ވުރެ ގިނަ ފްލައިޓް ޑައިވާޓްކޮށްފަ އެވެ.