ނަޖީބާ ދެކޮޅަށް އެންޓި-ކޮރަޕްޝަނަށް މައްސަލަ ހުށަހަޅައިފި
ނަޖީބާ ދެކޮޅަށް އެންޓި-ކޮރަޕްޝަނަށް މައްސަލަ ހުށަހަޅައިފި

ކުއާލަ ލަމްޕޫރު (މެއި 14) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އަބްދުއްރައްޒާގު އިދްރީސް މައްސަލަ ހުށަހަޅައިފި އެވެ.

އިންޓިލެޖެންސް ޑިރެކްޓަރެއްގެ މަގާމު ވެސް ކުރިން އަދާކުރެއްވި އަބްދުއްރައްޒާގު ވަނީ ނަޖީބާ ގުޅޭ ދެ މައްސަލައެއް އެމްއޭސީސީ އަށް މިއަދު ހުށަހަޅައިފަ އެވެ.

ނަޖީބާ ގުޅޭ ދެ މައްސަލައެއް ހުށަހެޅުމަށް ފަހު އެމްއޭސީސީގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގު ވިދާޅުވީ ކުރިން އެ މައްސަލަތައް ހުށަނޭޅީ އެއީ އޭރު ބެލޭނެ މައްސަލަތަކެއް ނޫން ކަމަށްވާތީ ކަމަށެވެ.

ނަޖީބުގެ ބޮޑު ވަޒީރުކަމުގައި އޭނާގެ މައްޗަށް އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ އެޓާނީ ޖެނެރަލް އެ މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.

ބޮޑު ވަޒީރުކަން ގެއްލުމާ އެކު ނަޖީބު ވަނީ ޗުއްޓީއެއްގައި ކަމަށް ބުނެ ގައުމުން ބޭރަށް ވަޑައިގަތުމަށް މިދިޔަ ހޮނިހިރު ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އެ ގައުމުގެ އިމިގްރޭޝަނުން ވަނީ ނަޖީބު ފުރުން މަނާކޮށްފަ އެވެ.