14 މެއި 2018 - 12:15

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި އެތަނުގެ ރައީސްގެ މަގާމަށް، ގދ. ފަރެސްމާތޮޑާ ރޭއަލިވާގޭ އަހުމަދު ޝިފާއު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ޝިފާއު އެ މަގާމަށް އައްޔަން ކުރެއްވީ، ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ހުސެން ފާއިޒް ރަޝާދު މިދިޔަ މަހުގެ 26 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުގައި ފާއިޒު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާއިރު، އޭނާ މިހާރު ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފަ އެވެ. .
ޝިފާއު މީގެ ކުރިން ހުންނެވީ ކަސްޓަމްސްގެ މަތީ މަގާމެއްގަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާގެ މައްސަލަތައް ބަލާ އިދާރާ އެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްުޔަންކޮށް، ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.