14 މެއި 2018 - 11:24

ކުއާލަ ލަމްޕޫރު (މެއި 14) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އާއިލީ މެންބަރަކު ކުއާލަ ލަމްޕޫރުގައި ދިރިއުޅޭ އެޕާޓްމަންޓް ފުލުހުން ބަލާ ފާސްކޮށްފި އެވެ.
ފުލުހުން ބުނީ އެޕާޓްމަންޓް ބަލާ ފާސްކުރީ މުހިންމު ލިޔުންތަކެއް ހޯދަން ކަމަށެވެ. އަދި އެ ލިޔުންތައް ގައުމުން ބޭރަށް ގެންދިއުމުގެ ބިރު އޮތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރަނީ ސަރުކާރުގެ ލިޔުންތަކެއް،" ފުލުހުންގެ ސީނިއާ އޮފިސަރަކު ވިދާޅުވި އެވެ.
މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލާގައި ގައުމުން ބޭރަށް ވަޑައިގަތުން ނަޖީބަށް ވަނީ މަނާކޮށްފަ އެވެ. އާ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވަނީ 1އެމްޑީބީ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުން ބުނީ ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ އެޕާޓްމަންޓަކަށް ސަރުކާރުގެ ވެހިކަލެއްގައި ބުރާސްފަތި ދުވަހު ހަވީރު ފޮށިތަކެއް ގެންގޮސް ވެއްދި މަައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށާއި އެކަން ވެސް ބަލަމުންދާ ކަމަށެވެ. އޮރެންޖް ކުލައިގެ ފޮށިތަކުގައި ހުރީ ހޭންޑްބޭގް ކަމަށާއި އެއިން ހޭންޑްބޭގެއްގެ އަގު 200،000 ޑޮލަރަށް އަރާނެ ކަމަށް ވެސް ފުލުހުންނަށް ހުށަހެޅި މައްސަލައިގައިވެ އެވެ.