މަހުގެ ހުރިހާ ބާވަތެއް މެދުކެނޑުމެއް ނެތި ރޯދަ މަހު ލިބޭނެ: މިފްކޯ
މަހުގެ ހުރިހާ ބާވަތެއް މެދުކެނޑުމެއް ނެތި ރޯދަ މަހު ލިބޭނެ: މިފްކޯ

ދަޅު މަހާއި ތާޒާ ކަނޑު މަސް އަދި ވަޅޯ މަސް މި އަހަރުގެ ރޯދަ މަހު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް މިއަދު ވިދާޅުވީ، މި ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، މިފްކޯ އިން 80،000 ކޭސް ދަޅު މަސް ބާޒާރަށް ނެރެން ތައްޔާރު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ވިއްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޯދަ އަށް ނެރުނު ޝިޕްމަންޓްގެ ބޮޑު ބައެއް [މިފްކޯ އިން] ވިކި ހުސްވުމުން، މުޅި ރާއްޖެ އިން މިހާރު ލިބެން ހުންނާނެ ކަމަށް އަޅުގަނޑު ދެކެނީ. އެކަމަކު ރޯދަ މަހާ ދިމާކޮށް ދަޅު މަހުގެ ޑިމާންޑް ވަރަށް ބޮޑު،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުވާލަކު 50 ޓަނުގެ ދަޅު މަސް ބަންދުކުރާ މިފްކޯގެ ކާރުޚާނާ އިން ގެންނަ މަސްދަޅުގެ އެއްވެސް ޝޯޓޭޖެއް ނޫޅޭނެ އެވެ. އަދި ރޯދަ މަހާ ދިމާކޮށް މަސްދަޅުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ވެސް އަދްލީ ވިދާޅުވި އެވެ.

އާއްމުންނަށް ބޭނުންވާ މިންވަރަށް ތާޒާ ކަނޑުމަހާއި ވަޅޯ މަސް ވެސް ރޯދަ މަހު މިފްކޯ އިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސްވެރިކަން ރަނގަޅު ނަމަ މެދުކެނޑުމެއް ނެތި ތާޒާ މަސް ލިބޭނެ. މިހާރު ވެސް ވަޅޯ މަހުގެ ބޮޑު ސްޓޮކެއް ގެނެސްފައި އެބަހުރި. ވޭތުވެދިޔަ އަހަރުގެ ޑިމާންޑަށް ބަލާފައި މި ފަހަރު މަހުގެ ސްޓޮކް މާލެ ގެނައީ. ދެކުނުގައި އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ވުމުން ރޯދަ މަހު ތާޒާ މަސް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން." މިފްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.