14 މެއި 2018 - 11:53

ލަންޑަން (މެއި 14) - އާސެނަލާ ދެން ހަވާލުވާނީ ކުރިން އެ ޓީމަށް ކުޅުނު މިހާރު މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހަފްތާގައި އާސެނަލްގެ ބޯޑު މެމްބަރުން ވަނީ ލުއިސް އެންރީކޭ އާއި ޕެޓްރިކް ވިއޭރާ އާއި އާޓެޓާ އަދި ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީގެ މަންދޫބަކާ މަޝްވަރާކޮށްފަ އެވެ. އޭގެ ތެރެއިން އާސެނަލްގެ ބޯޑު މެމްބަރުން ހުށަހެޅި ޕްރޮޖެކްޓާ އެއްގޮތަށް ކުރިއަށްދިއުމުގެ ޝައުގުވެރިކަން ހުރީ އާޓެޓާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަން ރޭ ނިމުނުއިރު، ސިޓީ ލީގު ނިންމާލީ 100 ޕޮއިންޓާ އެކު އެވެ. ގިނަ ރެކޯޑްތަކެއް މުގުރާލުމަށް ފަހު ލީގު ޗެމްޕިއަންކަން ސިޓީން ހޯދިއިރު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެހީތެރިޔަކީ އެސިސްޓަންޓް ކޯޗު އާޓެޓާ އެވެ. އާޓެޓާގެ މުސްތަގުބަލާ ގުޅޭގޮތުން ގާޑިއޯލާ ދިނީ ނުސީދާ ޖަވާބެކެވެ.
"މި ސީޒަނުގައި އާޓެޓާ އާއި އަހަންނާ މި ކުރީ ވަރަށް ކާމިޔާބު މަސައްކަތެއް. އޭނާ މި ޓީމުގައި މަޑުކޮށްފިއްޔާ އަހަރެންނަކީ ދުނިޔޭގެ އެންމެ އުފާވެރި މީހާ. އެކަމަކު އޭނަ އެހެން ޓީމަކަށްދާން ބޭނުންވިއްޔާ އަހަރެން ހުރަހެއް ނާޅާނަން. އެއީ އޭނާ އަށް އޮތީ ނޫނެކޭ ނުބުނެވޭ ވަރުގެ ހުށަހެޅުމެއް ލިބިފައި. އަހަރެން ބޭނުމީ އަހަރެންގެ އެކުވެރިޔާ އަށް ރަނގަޅު ގޮތެއް ވުން. އޭނާގެ ކެރިއަރުގައި ކާމިޔާބު ލިބުން،" އާޓެޓާއާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.
އާޓެޓާ އަށް ހުށަހެޅުން ލިބުނީ އާސެނަލުންތޯ ނޫސްވެރިން ސުވާލުކުރުމުން ގާޑިއޯލާ ބުނީ "ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެނގޭނެ" ކަމަށެވެ.
ބާވީސް އަހަރަށް ފަހު ވެންގާ އާސެނަލްގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވުމުން އާސެނަލްގެ ޗީފް އިވާން ގަޒީޑިސް އެންމެ ބޮޑަށް ބޭނުންވީ ވެސް އާޓެޓާއާ އެ ޓީމު ހަވާލުކުރާށެވެ. އޭނާގެ ވިސްނުން ހުރީ ޒުވާން ކޯޗަކާ ހަވާލު ކުރުމަށެވެ.
ކުރިން ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު އާޓެޓާ ވަނީ 2011 ވަނަ އަހަރު އާސެނަލަށް ބަދަލުވުމަށް ފަހު އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ވެންގާގެ ކޯޗުކަމުގައި 100 އަށް ވުރެން ގިނަ މެޗު އާސެނަލަށް ކުޅެދިނުމަށް ފަހު އާޓެޓާ ރިޓަޔަކުރީ މީގެ ދެ އަހަރު ކުރިންނެވެ.