15 މެއި 2018 - 06:35

ދަރިން ވަކި ދާއިރާއަކުން ކުރިއަށް ދާން ބާރު ނާޅާނެ ކަމަށާއި އެ ކުދިން ކުރިއަށް ދާނީ އަމިއްލަ އަށް ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކަމަށް މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ މަދޫރީ، 50، އާއި ޑރ. ސްރީރާމް ނޭނޭގެ ދެ ފިރިހެން ކުދިން ތިބެ އެވެ. އެއީ އަރިން، 15، އާއި ރާޔަން، 13، އެވެ.
ދެ ކުދިންނާ ބެހޭ ގޮތުން މަދޫރީ ބުނީ ދެ ކުދިން ގަޔާވާ ކަންތައްތައް ވަރަށް ތަފާތު ކަމަށެވެ.
"ހަގު ދަރިފުޅަކީ ކުޑަވަރެއްގެ ސައިންޓިސްޓެއް. ދޮށީ ދަރިފުޅަކީ ތާރީހީ ކަންކަމަށް ވަރަށް ލޯބިކުރާ ކުއްޖެއް،" މަދޫރީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޭނުން ވަނީ ދަރިން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ގެންދާށެވެ. އެހެންވެ ވަކި ގޮތަކަށް އެ މީހުންގެ ކެރިއާ ބައްޓަންކުރަން މަޖުބޫރު ނުކުރާނެ ކަމަށް ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން އެއްވެސް ކުއްޖަކަށް ވަކި ދާއިރާއަކުން ކުރިއަށް ދާން މަޖުބޫރު ކުރާކަށް. އެ ކުދިން ހިޔާރު ކުރާ ދާއިރާއަކުން ކުރިއަށް ދާނީ. އަހަރެން ފިލްމީ ތަރިއަކަށްވާތީ ކޮންމެހެން މަޖުބޫރެއް ނޫން ކުދިން ފިލްމް ކުޅޭކަށް،" މި މަހު 25 ގައި ރިލީޒް ކުރާ މަރާޓީ ފިލްމް "ބަކެޓް ލިސްޓް" ގެ ބަތަލާ ބުންޏެވެ. "އަދި ފިރިމީހާއަކީ ޑޮކްޓަރަކަށްވާތީ ދަރިން ޑޮކްޓަރުންނަށް ވާކަށް މަޖުބޫރެއް ވެސް ނޫން."
"ބަކެޓް ލިސްޓް" އިން ބޮޑު ސްކްރީނަށް މަދޫރީ އެނބުރި އަންނަ އިރު، އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ 2014 ގަ އެވެ. އެ އަހަރު މަދޫރީގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ގްލާބް ގޭންގް" އާއި "ދޭޅް އިޝްގިޔާ" އެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 7 ގައި މަދޫރީގެ "ޓޯޓަމް ދަމާލް" ސިނަމާތަކަށް އަންނަ އިރު، އޭނާ އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އެޕްރީލް، 19، 2019 ގަ އެވެ.
މަދޫރީ ބުނީ އޭނާ ފިލްމްތަކުން ފެނުން މަދީ ފުރުސަތުތައް ނުލިބޭތީއެއް ނޫނެވެ.
"ދަރިންނަށް ވަރަށް ވަގުތު ދޭން ބޭނުން. އެހެންވެ ކެރިއަރުގެ ވަކި ހިސާބަކުން އެބަ ޖެހޭ މަސައްކަތްތަކާ ތަންކޮޅެއް ދުރުވެލައި، ދަރިންނަށް ދޭން ޖެހޭ ވަގުތު ގިނަ ކުރަން. އެއީ އަސްލު އަހަންނަށް ދިމާވި ގޮތަކީ،" އޭނާ ބުންޏެވެ. "ކުރިއަށް އޮތް ތަނުގައި ހަމަ ފެންނާނެ. ނުއެއް ގެއްލޭނެ."
މަދޫރީ އާއި ފިރިމީހާ ޑރ. ނޭނޭ ދާދި ފަހުން ވަނީ މަރާޓީ ފިލްމްތައް އުފައްދަން "އާރްއެންއެމް" ގެ ނަމުގައި ފިލްމް ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.