14 މެއި 2018 - 10:36

ބެއިޖިން (މެއި 14) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ސަލާމަތް ކުރަން ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ޑިޕްލޮމެޓިކް ދަތުރެއް ފައްޓަވައިފި އެވެ.
އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް އެއްބަސްވުން ދެމެހެއްޓޭތޯ މަސައްކަތް ކުރުމުގެ ގޮތުން ޒަރީފް ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ގައުމުގެ ޚާރިޖީ ވަޒީރު ވަން ޔިއާ ބައްދަލު ކުރެއްވުމަށް ފަހު ޒަރީފް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރި އެހެން ގައުމުތަކާ އެކު ކުރިމަގުގެ ތަސައްވަރެއް އެކުލަވާލެވޭނެ ކަމަށެވެ.
ޗައިނާ އަށް ފަހު ޒަރީފް ދެން ވަޑައިގެންނަވާނީ ރަޝިޔާއަށާއި ބެލްޖިއަމަށެވެ. ނިއުކްލިއާ އެއްބަސްވުމުގައި އީރާނާ އެކު ސޮއިކުރި ގައުމުތަކަކީ އިނގިރޭސި ވިލާތް، ރަޝިޔާ، ޗައިނާ، އެމެރިކާ، ފްރާންސް އަދި ޖަރުމަނެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ އަށް ފޯނުން ގުޅުއްވާ އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވަނީ ނިއުކްލިއާ އެއްބަސްވުން ހިމާޔަތް ކުރުމުގައި އިނގިރޭސި ވިލާތާއި ޔޫރަޕުގެ ޕާޓްނަރުން ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެވެ. މެއި ވިދާޅުވީ ނިއުކްލިއާ އެއްބަސްވުން ދެމެހެއްޓުމަކީ އިނގިރޭސި ވިލާތާއި އީރާނުގެ ގައުމީ ސަލާމަތާ ވެސް ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ހުޅަނގަށް އިތުބާރު ނުކުރަން ގޮވާލައްވައިފަ އެވެ. އަދި އެމެރިކާ އަށް ދުވަހަކު ވެސް އިތުބާރު ނުކުރުމަށް ޚާމަނާއީ ވަނީ އެދިވަޑައިގެންފަ އެވެ.