14 މެއި 2018 - 10:27

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ އަތުލިއުމުގެ ސާމްޕަލްއެއް ނަގަން، މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށް ޔުމްނާގެ ބަޔާނެއް ވަނީ ނަގައިފަ އެވެ.
އޭނާ އަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.
ފުލުހުން ތުހުމަތު ކުރާ މައްސަލައިގައި، ޔުމްނާގެ އަތުލިއުމެއް ބޭނުންވެގެން ފުލުހުން އެދުނު ނަމަވެސް ކޯޓު އަމުރެއް ނެތި އަތު ލިއުން ދޭން އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ. ފުލުހުން މިހާރު ޔުމްނާ އަށް އަންގާފައި ވަނީ އަތުލިއުމުގެ ސާމްޕަލް ނަގަން މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.
ޔުމްނާ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ފުލުހުން ކުރަނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެކެވެ. ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ފުލުހުންނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަން ވައްޓާލުމުގެ ތުހުމަތު ޔުމްނާގެ މައްޗަށް ކޮށްފައިވާއިރު، އޭނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ވެރިކަން ވައްޓާލުމުގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. މައުމޫނާއި ނަދީމް ބަންދުކުރިތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމުގެ ތުހުމަތު ކޮށްފައިވާ މައުމޫންގެ ގެކޮޅުން ނެރުނު ކަޅުފޮއްޓަކުން އެ މައްސަލައިގެ ލިޔެކިޔުންތަކެއް ވަނީ ފެނިފަ އެވެ. އެ މައްސަލަތަކުގައި ސާބިތު ހެކި ހުރި ކަމަށް ބުނެ މައުމޫނާއި ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.