ފައިނަލުގައި މާފަންނާއި ވެމްކޯގެ ކުރިމަތިލުމެއް
ފައިނަލުގައި މާފަންނާއި ވެމްކޯގެ ކުރިމަތިލުމެއް

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން އާއި ކްލަބް ވެމްކޯ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި އިއްޔެ ވެމްކޯ އަތުން މޮޅުވެ މާފަންނު ވަނީ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. ވެމްކޯ އަތުން މާފަންނު އިއްޔެ މޮޅުވީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 26-28، 23-25، 25-21، 26-24 އަދި 15-13 އިންނެވެ.

މިއީ މި މުބާރާތުގައި ވެމްކޯ ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާފަންނު ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އައިޝަތު މާޖިދާ އެވެ.

ތިން ޓީމު ވާދަކުރި ދެ ވަނަ ބުރުގެ މެޗުތައް ނިމުނުއިރު، ވެމްކޯ އެއް ވަނަ ދިޔައީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. މާފަންނުން ދެ ވަނަ ހޯދީ ތިން ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނަ ދިޔަ ޕޮލިހަށް ލިބުނީ ދެ ޕޮއިންޓެވެ.

މާފަންނުން ފައިނަލުގެ ޖާގަ ހޯދިއިރު، އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ޕޮލިސް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ކުޅުންތެރިންނަށް ބަލާއިރު އެންމެ ވަރުގަދަކޮށް ފެންނަނީ ވެމްކޯ އެވެ. ދިވެހި ސިފައިންގެ ކްލަބް ކޯޗު މުމްތާޒް އަލީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވެމްކޯ ޓީމުގައި ރާއްޖޭގައި މި ވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ޖޫޒާން އާއި އައިމިނަތު އަރީޝާ ހިމެނެ އެވެ. މީގެ އިތުރުން ވެސް ގައުމީ ޓީމުގެ އިތުރު ކުޅުންތެރިން ހިމެނެ އެވެ.

މާފަންނު ޓީމުގައި މާޖިދާގެ އިތުރުން އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ފާތިމަތު މަޒިއްޔާ އެވެ.

މާފަންނާއި ވެމްކޯ ކުޅޭ ފައިނަލް މެޗު އޮންނާނީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ 8 ޖަހާއިރު އެވެ.