އަންހެނުން ބާރުވެރި ކުރެވޭނީ ތައުލީމު ދީގެން: ކަރީނާ ކަޕޫރް
އަންހެނުން ބާރުވެރި ކުރެވޭނީ ތައުލީމު ދީގެން: ކަރީނާ ކަޕޫރް

ބާރުވެރި އަދި ކަންކަމުގައި އިސްނަގާ އަންހެނުން ބިނާ ކުރެވޭނީ އެ މީހުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ދީގެން ކަމަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

މައިންގެ ދުވަސް ފާހަގަ ކުރަން އާދީއްތަ ދުވަހު ޔުނިސެފް އިންޑިއާ އިން މުމްބާއީގައި ބޭއްވި ހަފުލާއެއްގައި ކަރީނާ ބުނީ ތައުލީމު ދީގެން ނޫނީ އަންހެނުން ބާރު ނުކުރެވޭނެ ކަމަށެވެ.

"އަންހެނުން ބާރުވެރި ކުރުވާ ވާހަކަ އަހަރެމެން ދައްކާ ކަމަށް ވަންޏާ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ މީހުންނަށް ތައުލީމު އުނގެނުމަށް މަގުފަހިކޮށް ދިނުން. އެންމެ އިސްކަމަކަށް އެކަން ކޮށްގެން ނޫނީ އަންހެނުން ބާރުވެރިއެއް ނުކުރެވޭނެ،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ 37 އަހަރުގެ ބަތަލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަންކަމަށް ލޯ ހުޅުވި، ހޭލުންތެރިކަން އުފެއްދޭނީ ވެސް ތައުލީމުގެ ތެރެއިންނެވެ. އެހެންވެ އިންޑިއާގެ އަންހެން ކުދިންނަށް ތައުލީމުގެ މުހިއްމުކަން ބޮޑެވެ.

"މިސާލަކަށް އަންހެނަކު ބަލިވެ އިންނަ އިރު، އެކަމާ ގުޅޭ ގޮތުން އޭނާ އަށް އެނގެން ޖެހޭ މައުލޫމާތު ނޭނގުމަކީ ވެސް އަމިއްލަ މީހާ އާއި ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނަ އަށް ވެސް ނުރައްކާ ވެދާނެ ކަމެއް. އެހެންވީމާ މިކަހަލަ ކަންކަމާ އެކު ވެސް ތައުލީމުގެ މުހިއްމުކަން ބޮޑު،" އަންނަ މަހު އެކެއްގައި ރިލީޒް ކުރާ "ވީރޭ ދީ ވެޑިން" ގެ ބަތަލާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި އަންހެނެއްގެ ހަޔާތަށް ފިރިހެނެއްގެ މުހިއްމުކަން ބޮޑެވެ. އޭނާ ބުނީ ފިރިމީހާ ސައިފް އަލީ ހާނަކީ ރަނގަޅު ފިރިއެކެވެ.

"އަންހެނުން ބާރުވެރިއެއް ނުކުރެވޭނެ ފިރިހެނުންގެ އެހީތެރިކަން ނެތިއެއް. އަހަންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި އަބަދުވެސް ހުންނަ މީހަކީ ސައިފް. ބަލިވެ އިނދެ ވިހެއުމާ ހަމައަށް އަދި ކެރިއާގައި ކުރިއަށް ދާން އެންމެ ބޮޑަށް ހިތްވަރު ދޭ މީހަކީ ވެސް ސައިފް،" އޭނާ ބުންޏެވެ.