14 މެއި 2018 - 09:11

ރޯމް (މޭ 14) – އެކަކު މަދުކޮށް ކުޅުނު އޭއެސް ރޯމާއާ 0-0 އިން އެއްވަރުކޮށް ޔުވެންޓަސް އިން ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކޮށްފި އެވެ.
ޔުވެންޓަސް އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ 92 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީން ރޭ ސަމްޕްޑޯރިއާ އަތުން 2-0 އިން މޮޅުވެ 88 ޕޮއިންޓް ހަމަކުރި ނަމަވެސް ފަހު މެޗުން މޮޅުވިޔަސް ގިނަ ވެގެން އެއްކުރެވޭނީ 91 ޕޮއިންޓެވެ. މިއީ ފަހަކަށް އައިސް އިޓާލިއަން ލީގުގެ ޗެމްޕިއަން ކަށަވަރުނުކުރެވި އެންމެ ދިގުލައިގެން ދިޔަ ފަހަރެވެ. ނަޕޯލީން ފަހު ވަގުތާ ހަމަޔަށް ވިއްދާފައި އޮތްއިރު އެ ޓީމުން ވަނީ މިދިޔަ ބައެއް އަހަރުތަކުގައި ޗެމްޕިއަންކަން ހޯދި ޓީމަށް ވުރެ ގިނައިން މިހާރު ވެސް ޕޮއިންޓް އެއްކޮށްފަ އެވެ.
ޖުމްލަ 34 ވަނަ ފަހަަރަށް ލީގު ކާމިޔާބުކުރި ޔުވެންޓަސް އިން މި ސީޒަނުގައި އިޓާލިއަން ކަޕް ވެސް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ވެފައިވަނީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ލީގާއި ކަޕް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މި ފަހަރުގެ އިޓާލިއަން ކަޕް އެ ޓީމުން ކާމިޔާބުކުރީ ރޭ ލީގު ކަށަވަރުކުރި ސްޓޭޑިއަމް ކަމަށްވާ ރޯމްގެ އޮލިމްޕިކޯގައި ބުދަ ދުވަހުގެރޭ އޭސީ މިލާން އަތުން 4-0 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި ރޯމާގެ އެޑިން ޖެކޯ އާއި ލޮރެންޒޯ ޕެލެގްރިނީ އަށް އަދި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ އަށް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. މެޗުގެ ފަހު 20 މިނެޓަށް ރޯމާގެ އެކަކު މަދުވީ ފަސް މިނެޓުގެ ތެރޭގައި ރަޖާ ނައިންގޯލާން އަށް ދެ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ. އެކަމަކު އޭގެ ފައިދާއެއް ޔުވެންޓަސް އަށް މެޗުގައި ނުނެގުނެވެ.
ޔުވެންޓަސް އާއި ނަޕޯލީ އަދި ތިން ވަނައިގައި 74 ޕޮއިންޓާ އެކު އޮތް ރޯމާ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފަ އެވެ. ފަހު ޖާގަ އަށް ވާދަކުރަނީ 72 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ލާޒިއޯ އާއި 69 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް އިންޓަ މިލާނެވެ. ރޭ ކްރޮޓޯނޭއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެން ލާޒިއޯ އަށް ޖާގަ ކަށަވަރުކުރެވެން އޮތް ނަމަވެސް މެޗު 2-2 އެއްވަރުވީ އެވެ. އެހެންވެ ދެން ޖާގަ ލިބޭނެ ޓީމެއް ކަށަވަރުވާނީ އާދީއްތަ ދުވަހު ލާޒިއޯ އާއި އިންޓަ ކުޅޭ މެޗުންނެވެ.