މާބަނޑު އިރު ކޮފީ ބޯ ނަމަ ދަރިންނަށް ނުރައްކާތަކެއް
މާބަނޑު އިރު ކޮފީ ބޯ ނަމަ ދަރިންނަށް ނުރައްކާތަކެއް

މާބަނޑު ދުވަސްވަރު ކޮފީ ބޯ ނަމަ، ލިބޭ ދަރިން ފަލަވުމުގެ ބިރު އެބަ އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ބީއެމްޖީ އޯޕަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި މާބަނޑު ދުވަސްވަރު އަންހެނުން ކޮފީ ބުއިމާ ދުރުހެލިވުން މުހިންމެވެ. އޭގައި ބުނެފައި ވަނީ ކޮފީ ބޯ ނަމަ، ލިބޭ ދަރިން ބޮޑެތިވަމުން އަންނަ އިރު، އެ މީހުން އާދަޔާހިލާފަށް ފަލަވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަމަކު މި މައްސަލަ ދިމާވަނީ ކޮފީގައި އެކުލެވޭ ކެފެއިނުން ކުރާ އަސަރަކުން ކަމެއް ނުވަތަ އެހެން މާއްދާއެއްގެ ސަބަބުން ކަމެއް ކަނޑައެޅިގެން ހޯދިފައެއް ނުވެ އެވެ.

"ދުވާލެއްގެ މައްޗަށް ތިން ތަށި ކޮފީ ބުއިމަކީ ސިއްހީ ގޮތުން އެކިއެކި ފައިދާތައް ކުރާ ކަމެއް. އެކަމަކު އެއީ މާބަނޑު އަންހެނުން އިސްތިސްނާވާ ގޮތަށް،" ދިރާސާ ހެދި ސްވިޑްންގެ ސަލްގްރެންސްކާ އެކެޑެމީގެ އެސޯސިއޭޓް ޕްރޮފެސަރު ވެރެނާ ސެންގްޕިއެލް ވިދާޅުވި އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮފީ ބޮއެ އުޅުނު މީހުންނާއި ކޮފީއާ ދުރުކޮށް އުޅުނު މީހުންގެ މައުލޫމާތު އެއްކޮށްގެންނާއި އެ މީހުންގެ ދަރިންގެ މައުލޫމާތު ހޯދައިގެން ބެލި އިރު، ކޮފީ ބޮއެ އުޅުނު އަންހެނުންނަށް ލިބުނު ދަރިން އެ ނޫން މީހުންގެ ކުދިންނާ އަޅާބެލި އިރު، އާދަޔާހިލާފަށް ފަލަކަން ފާހަގަކުރެވުނެވެ.

ކުދިންނަށް އައިސްފައި ހުރި ބަދަލުތައް ބަލާފައި ވަނީ އުމުރުން 8 އަހަރާ ހަމައަށެވެ. އެގޮތުން އެ އުމުރަށް އެޅުނު އިރު، މާ ބޮޑަށް ފަލަ ކުދިންނަކީ މާބަނޑު ދުވަސްވަރު ކޮފީ ބުއި މީހުން ކަމަށް ދިރާސާގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އެފަދަ ކުދިންނަށް، އުމުރުން ދުވަސްވާ ވަރަކަށް ސިއްހީ ގިނަ މައްސަލަތައް ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ހިތުގެ މައްސަލަތަކާއި ޓައިޕް 2 ޑައިބެޓީޒް ފަދަ ބަލިތައް ހިމެނެ އެވެ.