"ދަބަންގް 3" އަންނަ އަހަރު ފެންނާނެބާ؟
"ދަބަންގް 3" އަންނަ އަހަރު ފެންނާނެބާ؟

ސަލްމާން ހާން، ޗުލްބުލް ޕާންޑޭ ކިޔާ ވަަރަށް ސަކަ މިޒާޖެއްގެ ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމް "ދަބަންގް" ގެ ތިން ވަނަ ބައި އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވުނަސް، ފިލްމްގެ ޝޫޓިން ކުރިން ރޭވި ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ނުބެލެވޭތީ އެ ފިލްމު ތާރީހަށް ނިންމޭނޭ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ކުރިން ނިންމާފައި އޮތީ މި އަހަރުގެ ތެރޭގައި "ދަބަންގް 3" ގެ ޝޫޓިން ފަށައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފިލްމް ރިލީޒް ކުރާށެވެ. ނަމަވެސް ސަލްމާން "ރޭސް 3" ގައި ބިޒީވުމާއި އަލީ އައްބާސް ޒަފަރުގެ "ބާރަތު" ގައި ވެސް މަސައްކަތް ކުރަން ޖެހުމުން، "ދަބަންގް 3" އަށް އަދި ވަގުތު ހުސް ކުރެވޭ ވަރެއް ނުވެ އެވެ.

އަނެއްކޮޅުން ސަލްމާން ހޯސްޓް ކުރާ ސޮނީ ޗެނެލްގެ ޝޯ "ދަސް ކާ ދަމް" ވެސް ފަށަން ތައްޔާރުވަމުން އަންނާތީ ސަލްމާންގެ ޝެޑިއުލްތައް ހުރީ ވަރަށް ތާށިކޮށެވެ. އެހެންވެ "ދަބަންގް 3" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު ކަމަށާއި ފިލްމް ސިނަމާތަކަށް އަޔަސް އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2020 ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ފިލްމް ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާ އެވެ. އެއީ މިއީ 2007 ގައި ރިލީޒް ކާމިޔާބު ފިލްމް "ވޯންޓެޑް" އަށް ފަހު، ސަލްމާއި ޕްރަބޫދޭވާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

ދެެހާސް ދިހައެއްގައި ރިލީޒް ކުރި "ދަބަންގް" ޑައިރެކްޓް ކުރީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕްގެ ކޮއްކޮ އަބިނާވް ކެޝަޕް އެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން ގެނެސް ދިން "ދަބަންގް 2" ޑައިރެކްޓް ކުރީ ސަލްމާންގެ ކޮއްކޮ އަދި ފިލްމްގައި މުހިއްމު ރޯލެއް ކުޅޭ އަރްބާޒް ހާނެވެ.

"ދަބަންގް" ފުރަތަމަ ދެ ބައިގައި ވެސް ބަތަލާގެ ރޯލް ކުޅުނު ސޮނާކްޝީ ސިންހާ ތިން ވަނަ ބައިން ވެސް ފެނިގެން ދާނެ އެވެ. "ދަބަންގް" އަކީ އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމް ވެސް މެ އެވެ. އެކަމަކު "ދަބަންގް 3" ގައި ސޮނާކްޝީގެ އިތުރުން އެހެން ބަތަލާއަކު ވެސް ހިމެނޭނެ އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ސަސްޕެންސް ތުރިލާ "ރޭސް 3" އިންނެވެ. އެ ފިލްމްގެ ޓްރެއިލާ އަންގާރަ ދުވަހު ދައްކައިލަން ވަނީ ހަމަޖެހިފަ އެވެ.

ސަލްމާނާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅޭ "ބާރަތު" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.