ރާއްޖެ ހިމެނޭ ގޮތަށް ސައުދީ އިސްވެ އޮވެ ފުޓްބޯޅައިގެ އާ ޖަމިއްޔާއެއް އުފައްދަނީ
ރާއްޖެ ހިމެނޭ ގޮތަށް ސައުދީ އިސްވެ އޮވެ ފުޓްބޯޅައިގެ އާ ޖަމިއްޔާއެއް އުފައްދަނީ

ސައުދީ އަރަބިއާ އިސްކޮށް އޮވެ ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުގެ ނަމުގައި މުޅިން އާ ޖަމިއްޔާ އެއް އުފަންކުރުމުގެ މަސައްކަތް ފެށިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ޖަމިއްޔާގައި ހިމެނޭނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އާއި އިންޑިއާ އާއި ބަންގްލަދޭޝާއި ޕާކިސްތާން އަދި ސްރީ ލަންކާ އެވެ. ހުޅަނގު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހިމެނެނީ ސައުދީގެ އިތުރުން ބަހުރޭނާއި ކުވޭތާއި ޔޫއޭއީ އާއި ޔަމަނެވެ.

ސައުދީ އަރަބިއާގެ ޖިއްދާގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް "މިހާރަ"ށް ވިދާޅުވީ ޖަމިއްޔާ އުފެއްދުމުގެ ޝައުގުވެރިކަން ރާއްޖެއާ ހިއްސާކޮށްފައިވާ ކަމަށާއި އެކަމަކު އަދި ވާހަކަތައް ބޭއްވިފައިވަނީ ވަރަށް އަސާސީ މަރުހަލާއެއްގައި ކަމަށެވެ.

"އިތުރު މަޝްވަރާތައް ކުރިއަށްދާނެ،" ޖަވާޒް ވިދާޅުވި އެވެ

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ދާސް ވެސް ވިދާޅުވީ އަދި ޖަމިއްޔާ ނުއުފެދޭ ކަމަށާއި ހަމައެކަނި ނުރަސްމީކޮށް ހުށަހެޅީ ކަމަށެވެ.

"އަސާސީ ގަވާއިދެއްގެ ސިފައިގައި އެއްވެސް ލިޔެކިޔުމެއް ތައްޔާރުކޮށް ހިއްސާކުރެވިފައެއް ނުވޭ،" ހިންދުސްތާން ޓައިމްސްގައި އޭނާ ވިދާޅުވެފައިވެ އެވެ. "ޕްރޮޕޯސަލެއް އެބައޮތް (މި ސަރަހައްދީ ފެޑެރޭޝަން އުފެއްދުމަށް) އަދި އަހަރެމެން އަންގާފައިވާނެ އޭއައިއެފްއެފްގެ އެގްޒެކެޓިވް ކޮމިޓީގެ ރުހުން ލިބިއްޖެ ނަމަ (ހުށަހެޅުން) ދިރާސާކުރާނެ ކަމަށް. އިންޑިއާ ފުޓްބޯޅަ ކުރިއެރުވުމަށް މީގެ ސަބަބުން އެހީތެރިކަން ލިބޭނެ އަދި މި ގައުމުތަކާ އޮތް ގުޅުން ބަދަހިވެގެންދާނެ."

އޭނާ ވިދާޅުވީ 10 ގައުމުގެ އެސޯސިއޭޝަނުގެ ރައީސުން މި މަހުގެ 25 ވަނަ ދުވަހު ބައްދަލުވުމެ ޖަމިއްޔާގެ ރަސްމީ އޮނިގަނޑު އެކުލެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއާ އެކު ވޯލްޑް ކަޕަށް ފަހު ފުރަތަމަ ކޮންގްރެސް ބާއްވާނެ ކަމަށް ބެލެވެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިނުވެވުނީ ނޭޕާލާއި ބޫޓާނުންނެވެ. އެކަމަކު ފަހުން އެ ދެ ގައުމު ވެސް ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހުޅަނގު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ނުހިމެނެނީ އިރާގާއި އުރުދުން އާއި ލުބްނާނާއި އޮމާނާއި ފަލަސްތީނާއި ގަތަރާއި ސީރިއާ އެވެ.

މި ޖަމިއްޔާ އުފެދިއްޖެ ނަމަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަށް ވެދާނެ ގޮތަކާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ސާފްގެ އެންމެ ވަރުގަދަ ފަސް ގައުމު ނެތިއްޖެ ނަމަ އެ ޖަމިއްޔާ އޮޔާ ދާނެ ކަމަށް ލަފާކުރެވެ އެވެ.

އެކަމަކު ސާފްގެ އެންމެ މުހިއްމު ބައިވެރިޔާ އިންޑިއާ އިން ކުރިއެރެކޭ އެއްގޮތަށް ސާފްގެ މެމްބަރެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށް ދާސް ވަނީ ވިދާޅުވެފަ އެވެ.

"އަހަންނަށް އެނގޭ ގޮތުގައި ސާފް ކުރިއަށްދާނެ. މިއީ އިތުރުވެގެންދާ ސަރަހައްދީ ފެޑެރޭޝަނެއް،" ދާސް ވިދާޅުވި އެވެ.

އަނެއްކޮޅުން ހުޅަނގު އޭޝިއާގެ ގައުމުތަކަށް ވުރެ ނިސްބަތުން ފުޓްބޯޅައިގައި ބަލިކަށި ގައުމުތަކެއް ހިމަނައިގެން މި ޖަމިއްޔާ އުފައްދާ ސަބަބާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެހެންވެ މި ޖަމިއްޔާ އުފެއްދުމާ މެދުއިރުމަތީގައި މިހާރު އޮތް ސިޔާސީ "ބައިބައިވުންތަކާ" ގުޅުވައިގެން ވެސް ވާހަކަތައް އަންނަނީ ދެކެވުމުންނެވެ. ހުޅަނގު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހެޑްކުއާޓާޒް ހުންނަނީ އުރުދުންގެ ވެރިރަށް އައްމާނުގަ އެވެ. އެތަން ޖިއްދާ އަށް ބަދަލުކުރަން ޖަމިއްޔާގެ ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން ވަނީ ދާދި ފަހުން ދެކޮޅު ހައްދަވައިފަ އެވެ. އަލަށް އުފައްދާ ޖަމިއްޔާގެ ހެޑްކުއާޓާޒް ގާއިމްކުރާނެ ކަމަށް ބެލެވެނީ ޖިއްދާގަ އެވެ.

ރާއްޖޭގައި 1982 ވަނަ އަހަރު ފުޓްބޯޅަ އެސޯސިއޭޝަނެއް އުފެދުނީއްސުރެ ސަރަހައްދީ ގޮތެއްގައި ވާދަކުރަމުން އައީ ދެކުނު އޭޝިއާގެ މުބާރާތްތަކުގަ އެވެ. އެންމެ ފުރަތަމަ 1984 ވަނަ އަހަރުން ފެށިގެން ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އަދި 1997 ވަނަ އަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕުގައި އައީ ބައިވެރިވަމުންނެވެ.

އެކަމަކު މި ސަރަހައްދުގެ ފުޓްބޯޅައިގެ ފެންވަރު ނިސްބަތުން ދަށްވުމާއި އަދި އެކަށީގެމްވާ ވަސީލަތްތައް ނެތުމުގެ އިތުރުން ގަވާއިދުން މުބާރާތްތައް ނުބޭއްވޭތީ ދިވެހި ފުޓްބޯޅައިގެ ދުވެއްޔަށް އޭގެ ނުރަނގަޅު އަސަރު ދަނީ ކުރަމުންނެވެ. އެހެންކަމުން ފުޓްބޯޅާއިގެ ފެންވަރު ރަނގަޅު، ވަސީލަތްތައް ވެސް ހުރި އަދި މުއްސަނދި ގައުމުތަކެއް ހިމެނޭ ޖަމިއްޔާއަކުން ފުރުސަތު ލިބިއްޖެ ނަމަ ރާއްޖެ އަށް ވަރަށް ބޮޑަށް ފައިދާކުރާނެ އެވެ. މީގެ ކުރިން ދެކުނު އިރުމަތީ އޭޝިއާއާ ރާއްޖޭން ގުޅިދާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު އެކަން ފަހުންވީ ހުސް ވާހަކަތަކަށެވެ.