ސިޓީ އަށް 100 ޕޮއިންޓް، ލިވަޕޫލް ޗެމްޕިއަންސް ލީގަށް
ސިޓީ އަށް 100 ޕޮއިންޓް، ލިވަޕޫލް ޗެމްޕިއަންސް ލީގަށް

ލަންޑަން (މެއި 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހޯދި މޮޅާ އެކު 100 ޕޮއިންޓް ހަމަކުރިއިރު، ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ލިވަޕޫލް ފުރުސަތު ހޯދައިފި އެވެ.

ސިޓީ އަށް 100 ޕޮއިންޓް، ލިވަޕޫލް ޗެމްޕިއަންސް ލީގަށް
ސިޓީ އަށް 100 ޕޮއިންޓް، ލިވަޕޫލް ޗެމްޕިއަންސް ލީގަށް

ފަހު ސިކުންތުގައި ގަބްރިއެލް ޖީސޫސް ވައްދާލި ގޯލުން ސައުތެމްޓަންގެ މައްޗަށް 1-0 އިން ހޯދި މޮޅާ އެކު ސިޓީ ލީގު ނިންމާލީ 100 ޕޮއިންޓާ އެކު އެވެ. އެ ޓީމަކީ ލީގުގައި 100 ޕޮއިންޓް ހަމަކުރި ފުރަތަމަ ޓީމެވެ. އަދި އެ ޓީމުން ވަނީ މި ސީޒަނުގައި އެންމެ ގިނަ މެޗުން މޮޅުވި ޓީމުގެ ރެކޯޑާއި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދައިފަ އެވެ. އަދި ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހެދީ ވެސް ސިޓީންނެވެ.

"މިހުރީ ގަބޫލެއް ނުކުރެވިފައި. 100 ޕޮއިންޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. 50 ޕޮއިންޓް އަމިއްލަ ދަނޑުގައި. 50 ޕޮއިންޓް ރަށުން ބޭރުގައި. މި ރެކޯޑްތަަކަކީ ވަރަށް މަސައްކަތް. ވަރަށް ގިނަ ބަޔަކު މިކަން ހަނދާން ހުންނާނެ." މިރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ލީގުގެ ދެ ވަނައިގައި އޮތީ މިރޭ ވެޓްފޯޑް އަތުން 1-0 އިން މޮޅުވި މެންޗެސްޓާ ޔުނައިޓެޑް އެވެ. އެ ޓީމަށް ލިބުނީ 81 ޕޮއިންޓެވެ. ޔުނައިޓެޑުގެ ކެޕްޓަންކަން މި މެޗުގައި ކުރީ މި ސީޒަނަށް ފަހު ރިޓަޔަކުރަން ނިންމާފައިވާ މިޑްފީލްޑަރު މައިކަލް ކެރިކް އެވެ. އޭނާ ގުޅޭނީ ޔުނައިޓެޑްގެ ކޯޗިން ޓީމާ އެވެ.

ޓޮޓެންހަމް ލީގުގެ ތިން ވަނަ ހޯދީ އަމިއްލަ ދަނޑުގައި 5-4 އިން ލެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޓޮޓެންހަމަށް ލިބުނީ 77 ޕޮއިންޓެވެ. މިރޭގެ މެޗުގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ދެ ލަނޑު ޖަހައި ލީގުގައި 30 ގޯލު ހަމަކޮށްފަ އެވެ.

ގަދަ ހަތަރެއްގެ ފަހު ޖާގަ އަށް މިރޭގެ މެޗުތަކުގައި ވާދަކުރީ ޗެލްސީ އާއި ލިވަޕޫލް އެވެ. ލިވަޕޫލް ހަތަރު ވަނަ ހޯދީ އަމިއްލަ ދަނޑުގައި 4-0 އިން ބްރައިޓަން ބަލިކޮށް 75 ޕޮއިންޓް ހަމަކޮށްގެންނެވެ. ޗެލްސީ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެފަ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އަށް ލިބުނީ 70 ޕޮއިންޓެވެ. ލިވަޕޫލް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވިއިރު، ޗެލްސީ ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ މުހައްމަދު ސަލާހު މިރޭގެ މެޗުގައި ޖެހި ގޯލާ އެކު އޭނާ ސީޒަނުގެ ރަން ބޫޓު ހާސިލްކުރީ 32 ގޯލު ޖަހައިގެންނެވެ. މި ގޯލާ އެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ 38 މެޗުގެ ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ. މީގެ ކުރިން 38 މެޗުގެ ސީޒަނެއްގެ ރެކޯޑް އޮތީ 31 ލަނޑު ޖެހި ލުއިޒް ސުއަރޭޒާއި އެލަން ޝިއަރާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ.

ބާވީސް އަހަރަށް ފަހު އާސެނަލް ދޫކޮށްލަން ނިންމާާފައިވާ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ވަދާއީ މެޗުގައި މިރޭ އާސެނަލް ވަނީ 1-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށްފަ އެވެ. ޕިއޭ އެމެރިކް އޮބާމަޔަންގެ ގޯލުން އާސެނަލް ހޯދި މި މޮޅަކީ 2018 ވަނަ އަހަރު ލީގުގައި ރަށުން ބޭރު ކުޅުނު މެޗަކުން އާސެނަލަށް ލިބުނު ފުރަތަމަ މޮޅެވެ. އާސެނަލް އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.

މި ފަހަރުގެ ސީޒަނުގައި ރެލިގޭޓްވީ ވެސްޓް ބްރޮމް އާއި ސްޓޯކް ސިޓީ އަދި ސްވަންސީ ސިޓީ އެވެ. ފަހު ވަގުތު ސަލާމަތްވީ ސައުތެމްޓަން އެވެ. ފަންސާސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދި ބާންލީ މިރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބޯންމައުތު އަތުން ބަލިވެފަ އެވެ. ބާންލީ 54 ޕޮއިންޓާ އެކު ހަތް ވަނައިގައި ސީޒަން ނިންމާލިއިރު އެ ޓީމު އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. އެ ޓީމު ފަށާނީ ޔޫރޮޕާ ލީގު ކޮލިފިކޭޝަން ބުރުންނެވެ.