24 ޖުލައި 2016 - 17:17

ޖަލްސާތަކާއި އެ ނޫން ވެސް ކަންކަން މީޑިއާތަކުން ވަގުތުން ގެނެސްދިނުމާއި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރުމުގެ ދޮރު، އަބުރާ ބެހުމުގެ ބިލާ އެކު ބަންދުވުމުގެ ބިރު އުފެދިއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރަން ތައްޔާރުވެފައިވާ ބިލުގައިވާ ގޮތުން ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓުކުރަން ވާނީ މާނަ ނުގެއްލޭ ގޮތަށް، އެ ވާހަކައެއް ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަށް ފަހު، ހަމަހަމަކަމާ އެކު އެވެ. އެ ވާހަކައެއް ރައްދުވާ ފަރާތުގެ ބަހެއް ނުލިބުމަކީ އަބުރާ ބެހުމުގެ ދައުވާގެ ދިފާއެއް ނޫން ކަމަށް ބިލުގައިވެ އެވެ.
މި މާއްދާ އިން އެންމެ ބޮޑު ނުރައްކަލެއް އޮތީ ޓީވީ އާއި ރޭޑިއޯ އިން ވަގުތުން ގެނެސްދޭ ހަރަކާތްތަކަށެވެ. މިސާލަކަށް، ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއްގައި ދައްކާ ވާހަކައެއް ވަގުތުން ގެނެސްދީގެން، އެ ވާހަކަ ރައްދުވާ މީހާ މައްސަލަ ޖައްސައިފި ނަމަ، އެ މީޑިއާއެއް މި ބިލުގެ ދަށުން ކުށްވެރިވުމުގެ ފުރުސަތު އެބައޮތެވެ. ބްރޯޑްކާސްޓް މީޑިއާގެ އިތުރުން، އޮންލައިން ނޫސްތަކާއި އެކި މީޑިއާތަކުން ސޯޝަލް މީޑިއާގައި ހިންގާ ޕޭޖުތައް މެދުވެރިކޮށް އެއްޗެހި ވަގުތުން ގެނެސްދިނުމަށް ވެސް މި މާއްދާގެ ދަށުން ހުރަސް އެޅޭނެ އެވެ.
މީޑިއާގެ އިތުރުން، އާއްމުކޮށް ހިޔާލު ފާޅުކުރުމަށް ވެސް މި ބިލުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވާނެ އެވެ. އެ ގޮތުން، މިނިވަންކަމާ އެކު އާއްމުންނަށް ހިޔާލު ފާޅުކުރެވޭ ސޯޝަލް މީޑިއާ އަށް މީގެ ސަބަބުން ވަރަށް ބޮޑު ބިރުވެރިކަމެއް އެބަ އޮތެވެ.
ބިލުގައި އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއު ކުރުމުގެ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އޭގެ ތެރޭގައި އޮންލައިން ނޫސްތަކުގެ އިތުރަށް ވެބްސައިޓުތަކާއި ބްލޮގުތަކާއި ސޯޝަލް މީޑިއާ ވެސް ހިމަނާފައިވެ އެވެ. އެހެންވެ، މީހަކު އެ މީހެއްގެ އަމިއްލަ ފޭސްބުކް ނުވަތަ ޓުވިޓާގައި ޖަހާ އެއްޗަކުން ކުށްވެރިވެ، ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
މި ބިލުގައި އާއްމުންނަށް އޮތް ނުރައްކާ ހަގީގަތުގައި ބޮޑެވެ. މީޑިއާތަކުން މި ބިލާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ބަލަނީ މަދަނީ މައްސަލައެއްގެ ގޮތުގަ އެވެ. އެކަމަކު، އާއްމު ފަރުދެއް ނަމަ، އެ މައްސަލަ ސީދާ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުގެ ބާރު މި ބިލުން ލިބިދެ އެވެ.
އަބުރާ ބެހުން ބިލުގައި މާނަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައްކާ ވާހަކައެއް ނުވަތަ ބުނާ ބަސްތަކެއް، ލިޔާ ލިޔުމެއް، ދައްކާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް ނުވަތަ ކުރާ ހަރަކާތެއް ހިމެނެ އެވެ. މިއީ، ސަރުކާރުން ހުށަހެޅި ބިލުގެ ކުރިން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރިން ހުށަހެޅުއްވި ބިލުން ވެސް އުނިކުރަން މީޑިއާ ކައުންސިލުން ވެސް އެދިފައިވާ ބައިތަކެކެވެ.
މި ބިލުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެ ޖޫރިމަނާ ނުދައްކައިފި ނަމަ އެ މީހަކު ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.