13 މެއި 2018 - 19:44

ގުދުސް (މެއި 13) - އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ދަރިކަނބަލުން އިވަންކާ އާއި އޭނާގެ ފިރިކަލުން ޖާރެޑް ކުޝްނާ ގުދުސް އަށް މިއަދު ވަޑައިގެންފި އެވެ.
އިވަންކާ އާއި ކުޝްނާ އެކު ވައިޓް ހައުސްގެ އެޑްވައިޒަރުންގެ ޓީމެއް ވެސް އެމްބަސީ ހުޅުވާ ރަސްމިއްޔާތުގައި ބައިވެރިވާނެ އެވެ. ޓްރަމްޕް ވަޑައިނުގެންނެވި ނަމަވެސް ވީޑިއޯ މެދުވެރިކޮށް ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ޓްރަމްޕް ނިންމެވުމުން ވަނީ ފަލަސްތީން މީހުންގެ ރުޅިވެރިކަން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އެމެރިކާގެ އެ އަމަލަކީ ގަރުނުގެ އެންމެ ބޮޑު އެތިފަހަރު ކަމަށެވެ.