13 މެއި 2018 - 19:12

ޖަކާޓާ (މެއި 13) - އިންޑޮނީޝިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ސުރަބަޔާގެ ތިން ފައްޅިއަކަށް މިއަދު ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އެއް އާއިލާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހަމަލާތަކުގައި ވަނީ 13 މީހުން މަރުވެފަ އެވެ. ފުލުހުން ބުނީ އެއް ފައްޅި އަށް ޖާނުންފިދާވުމުގެ ހަމަލާ ދީފައި ވަނީ އެ އާއިލާގެ މަންމަ އާއި ދެ އަންހެން ދަރިން ކަމަށެވެ. އަނެއް ދެ ފައްޅި އަށް ހަމަލާ ދިނީ ބައްޕަ އާއި ދެ ފިރިހެން ދަރިން ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ. މިއީ 2005 ވަނަ އަހަރުގެ ފަހުން އިންޑޮނީޝިއާގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.
އިންޑޮނީޝިއާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވަވަން ޕުރްވަންޓޯ ވިދާޅުވީ ހަމަލާތަކުގެ ފަހަތުގައި ވަނީ އައިއެސްއާ ގުޅުން އޮންނަ ޖަމާ އަންޝަރުތު ދައުލާ (ޖޭއޭޑީ) ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ހަމަލާ ދިން އެއް ފައްޅި އަށް ޒިޔާރަތް ކުރުމަށް ފަހު އިންޑޮނީޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ ވަނީ ހަމަލާތައް ތަހުގީގު ކުރުމަށާއި ޓެރަރިސްޓް ނެޓްވޯކްތައް ނައްތާލުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.