13 މެއި 2018 - 18:27

ހަރަކާތްތައް ހިންގުމަށް ސުނާމީ ބިނާ މައިޒާން ކުއްޔަށް ދޫކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ހަރަކާތްތައް ބޭއްވުމަށް މައިޒާންތަކާއި ޕާކުތަކާއި ބިޗު ފަދަ ތަންތަން ކުއްޔަށް ދޭ އުސޫލުން، ސުނާމީ ބިނާ މައިޒާން ވެސް ކުއްޔަށް ދޫކުރާނެ ކަމަށެވެ. އެ ތަން ކުއްޔަށް ދޫކުރާ އަގުތައް ވެސް، އެ އިއުލާނާއެކު މިނިސްޓްރީން ވަނީ އާއްމުކޮށްފަ އެވެ.
އަމިއްލަ ފަރުދުންނާއި ކުންފުނިތަކާއި ސްކޫލުތަކާއި ދައުލަތުގެ އެކި މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ސުނާމީ ބިނާ މައިޒާން ދޫކުރަނީ ގަޑިއިރަކަށް 250ރ. އަށެވެ. އެ ފަރާތްތަކަށް ކުޑަކުދިންނާ ގުޅޭ ހަރަކާތްތައް ބާއްވަން ދޫކުރަނީ ގަޑިއިރަކަށް 100ރ. އަށެވެ.
މާލޭ ހުޅަނގު ދެކުނު ފަރާތުގެ ތިން ރުއް ޕާކު ޒަމާނީ ފެންވަރުގައި ތަރައްގިީކޮށް، ސުނާމީ ބިނާ މައިޒާންގެ ނަމުގައި އެ ތަން އަލުން ހުޅުވީ މާޗު 13، 2016، ވަނަ އަހަރެވެ.
އެ ބިނާއިން ރަމްޒުކޮށްދެނީ ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގެއްލިދިޔަ މީހުންނާއި މަރުވި މީހުންގެ އަދަދެވެ.