ޓެރަރިޒަމްގެ މައްސަލާގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ހެކި ސިއްރުކުރަން ނިންމައިފި
ޓެރަރިޒަމްގެ މައްސަލާގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ހެކި ސިއްރުކުރަން ނިންމައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ގިނަ ހެކިތަކެއް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ ސަރުކާރު ވައްޓާލަން ރޭވި ކަމަށް ބުނެ އެވެ. އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކި ސިއްރު ކުރަން ކޯޓުން ނިންމީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން އެގޮތަށް ހުށަހެޅުމުންނެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ސިއްރު ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅިތައް ސިއްރުކޮށް ދިނުމަށާއި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށާއި އެ މައްސަލާގައި ފަހުން ހެއްކެއް ލިބިއްޖެ ނަމަ އެ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ މިއަދު ވިދާޅުވީ، ހެކި ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަން ހައި ކޯޓުގެ ހުކުމެއްގައި އެބައޮތް ކަމަށާއި އަދި އެގޮތަށް އަމަލު ކުރިޔަސް، ކޯޓުގައި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތަށް ދައުވާ ލިބޭ ފަރާތަށް އޮންނާނެ ކަމަށެވެ. އަދި އެ މައްސަލާގައި ހެކި ސިއްރު ނުކޮށްފި ނަމަ ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ލިބިދޭ ޒާތީ ދިރިއުޅުމުގެ ހައްގަށް ހުރަސް އެޅި، ހެކިންނަށް ނުފޫޒެއް ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި އަލަށް ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދެނީ އެއީ ގިނަ ބަޔަކު ބައިވެރިވެފައިވާ މައްސަލަ އަކަށް ވެފައި، އިތުރު އެހެން ބައެއް މީހުންގެ މައްޗަށް ތަހުގީގު ހިންގަމުންދާތީ ފަހުން އިތުރު ހެއްކެއް ލިބިދާނެތީ ކަމަށެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރުގެ ވަކީލުން އެ ހުށަހެޅުންތަކާ ދެކޮޅު ހެދި އެވެ. ހެކި ސިއްރުކުރަން އެދިފައިވާ އެދުމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުލަތުން ހަވާލާދޭ ހައި ކޯޓުގެ ހުކުމަކީ ޖިނާއީ އިޖްރާއާތު އައުމުގެ ކުރިން ނިންމާފައިވާ މައްސަލައެއް ކަމަށާއި އެ ގާނޫނު އައުމާ އެކު، ކުރީގެ ހުރިހާ އުސޫލުތައް ބާތިލް ވާނެ ކަމަށް އެ ގާނޫނުގައި ބުނާ ކަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން ބައެއް ހެކިން ތަހުގީގަށް ދިން ބައެއް ބަޔާންތައް ސޯޝަލް މީޑިއާގައި ކުރިން ވެސް ލީކުވެފައި ހުރިކަން ފާހަގަ ކުރައްވައި، ނޫރު ވިދާޅުވީ ހެކިންނަށް ނުފޫޒެއް ފޯރުވާ ނަމަ މިހާރު ވެސް އެކަމެއް އޮންނާނީ ހިނގާފައި ކަމަށެވެ. އެކަމަކު އެފަދަ ވާހަކައެއް ދައުލަތުން މިހާތަނަށް ފާހަގަ ކޮށްފައި ނެތް ކަމަށް ނޫރު ވިދާޅުވި އެވެ.

އެ ޓީމުގައި ހިމެނޭ ވަކީލް ހިސާން ހުސައިން ވިދާޅުވި ގޮތުގައި ފަހުން ހާމަވާ ހެކި ހުށަަހެޅުމުގެ ފުރުސަތަކަށް ދައުލަތުން އެދުމުން އެނގެނީ ތަހުގީގު މަރުހަލާ ފުރިހަމަ ނުވާ ކަމެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރަން ޖެހެނީ އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރުމަށް ފަހު ކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ ފަހުން ހާމަވާ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

ދައުލަތުން ހެކި ސިއްރު ކުރަން އެދުމުގައި ގާނޫނުއަސާސީގެ 24 ވަނަ މާއްދާއާ ހަވާލާ ދީފައިވާތި އެކަމަށް ރައްދު ދެއްވައި، ހިސާން ވިދާޅުވީ ކުށުން ބަރީއަވުމަށްޓަކައި މަސައްކަތް ކުރުމުގެ ހައްގަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. އަދި 24 ވަނަ މާއްދާ އަކީ ޒާތީ ދިރިއުޅުމުގެ ހައްގާ ގުޅުން ހުރި މާއްދާއެއް ކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ އެ މާއްދާއާ ހަވާލާދީ ހެކި ސިއްރު ކުރާ ނަމަ ހުރިހާ މައްސަލަތަކުގެ ތަހުގީގު ބަޔާންތައް ވެސް ސިއްރު ކުރަން ޖެހޭނެ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި ސިއްރު ކުރަން އެދިފައިވާ ހެކިތަކުގެ ތެރޭގައި ބައެއް ލިޔުންތައް ވެސް ހިމެނޭއިރު، އެ ލިޔުންތައް ސިއްރު ކުރުމުން، އެ ލިޔުންތައް ތައްޔާރު ކުރި މީހުންނާ ސުވާލު ކުރުމުގެ ފުރުސަތު ދިފާއި ވަކީލުންނަށް ގެއްލިގެންދާނެ އެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ ސިއްރުކުރަން ޖެހޭ ބައިތައް ލިޔުންތަކުން އުނި ކުރުމަށް ފަހު ނަމަވެސް ދިފާއީ ވަކީލުންނަށް އެ ލިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ހެކި ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމަށް ފަހު ވެސް ހައި ކޯޓުން ނިންމާފައި އެބައޮތް ކަމަށެވެ. އަދި ފަހުން ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދުނީ އިތުރު ބައެއް މީހުންގެ ތަހުގީގުތައް ކުރަމުންދާތީ ކަމަށާއި އެކަމަކު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާކުރީ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް ނައުޝާދު ވިދާޅުވި އެވެ.

ސިއްރު ކޮށްފައިވާ ބައެއް ލިޔުންތައް ދިފާއީ ވަކީލުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދޭން ވަކީލުން އެދިފައިވާތީ ދައުލަތުން ވަނީ އެއް ލިޔުމެއް ޝަރީއަތުގައި ބެލުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ދޭން ދެކޮޅު ނަހަދާ ކަމަށް ބުނެ އެވެ. އެކަމަކު ދެންހުރި ސިއްރު ލިޔުންތައް އެއްކޮށް ސިއްރު ކުރަން ބޭނުންވާ ކަމަށާއި ސަބަބަކީ އެ ލިޔުންތައް ހާމަވެއްޖެ ނަމަ ދައުވާ ސާބިތުކުރަން އުނދަގޫވެދާނެތީ ކަމަށް ދައުލަތުން ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ ދައުލަތުން އެދުނު ގޮތަށް ހެކި ސިއްރު ކުރުމުގެ އަމުރެއް ނެރުމަށާއި ލިޔުންތައް ސިއްރު ކުރުމުގެ އަމުރެއް ވެސް ނެރުމަށެވެ. އަދި ފަހުން ހާމަވާ ހެކި ހާމަ ކުރުމުގެ ފުރުސަތު ދައުލަތަށް ދޭން ވެސް ގާޒީ ނިންމެވި އެވެ.

އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަައެއް ނާޅަ އެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ އެ މައްސަލާގައި އުއްތަމަ ފަނޑިޔާރާ އެކު ދައުވާލިބޭ އެހެން ބޭފުޅެއް ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ އެކަންކަން އިތުރަށް ތަކުރާރު ނުކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިިޔާރުގެ ވަކީލުން ވަނީ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އިޖްރާއީ ނުކުތާއެއް ނަންގަވައިފަ އެވެ. ސަބަބެއްގެ ގޮތުގައި ވަކީލް ނޫރު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިހާރު ވެސް ދެ ކުށެއް ސާބިތުވެ، ހުކުމް އައިސްފައިވާ ކަމަށާއި ގާނޫނުލް އުގޫބާތު އޮތްގޮތުން އެއް ކަމަކާ ގުޅޭ ކަންކަމަށް އަދަބު ކަނޑައަޅަން ޖެހޭނީ އެންމެ ބޮޑު ކުށަށް ފުރަތަމަ އަދަބު ކަނޑައެޅުމަށް ފަހު އޭގެ ފަހުން ދެން ޖެހިގެން އޮންނަ ކުޑަ ކުށަށް އަދަބުު ކަނޑައަޅާ އުސޫލުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރަށް ފުރަތަމަ ކުށް ސާބިތުވެ، އަދަބު ކަނޑައެޅީ ޖެމްސް ސިސްޓަމް ޑައުންކުރި މައްސަލާގައި ކަމަށާއި އެއީ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން އެންމެ ކުޑަ ކުށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އަމަލު ކުރުމުން އަދަބު ކަނޑައެޅުމުގެ ތަރުތީބު އޮޅިފައިވާ ކަމަށާއި ހުރިހާ މައްސަލަތަކެއް އެއް ގާޒީއަކު ބައްލަވަން ކުރިން އެދިވަޑައިގަތީ ވެސް އެކަން ދިމާވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ ހައިލަމް ނިންމެވީ އެ ނުކުތާ ބަލައިނުގަތުމަށެވެ. ގާޒި ވިދާޅުވީ މިއީ ގާނޫނުލް އުގޫބާތުގައި ބުނާ އަދަބު ކަނޑައެޅުމުގެ މަރުހަލާ ނޫން ކަމަށާއި އެ ވާހަކަ ދެއްކޭނީ އެ މަރުހަލާގައި ކަމަށެވެ.

އެ މައްސަލާގެ މިއަދުގެ ވަނީ އިބްތިދާއީ މަރުހަލާ ނިންމާލައިފަ އެވެ. އެހެންވެ، ދެން އެ މައްސަލާގައި އޮންނާނީ ޝަރީއަތުގެ އަޑުއެހުންތަކެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއިން ކޮންމެ ބޭފުޅެއްގެ ބައި މިހާރު ކުރިއަށް ގެންދަނީ ވަކިންނެވެ.