މައުމޫނަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި
މައުމޫނަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރު ކުރުމަށް ފަހު އެ މަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ކުރާ، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުުވެ އެވެ. އަޑުއެހުން ކެންސަލް ކުރި އިރު އެ މަނިކުފާނު މިއަދު ކޯޓަށް ހާޒިރެއް ވެސް ނުކުރެ އެވެ.

އެ އަޑުއެހުން ކެންސަލްކުރީ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދޭން އެ މަނިކުފާނުގެ ވަކީލުންގެ އެދިވަޑައިގެންފައި ވަނިކޮށެވެ. މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށާއި އެ މަނިކުފާނުގެ ބަންދަށް ލުޔެއް ދޭންޖެހޭ ކަމަށް އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ވެސް މައުމޫން އޭޑީކޭ އަށް ގެނެސް ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ފޯނު ދޭން އިންކާރު ކުރި ކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރެ އެވެ. އެކަމަކު މިއަދުގެ އަޑުއެހުން ބާއްވަން ހަމަޖެއްސީ ހަމައެކަނި މައުމޫންގެ ބައި ކުރި އަށް ގެންދިއުމަށެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މައުމޫންގެ މައްޗަށް ކުރެ އެވެ.