13 މެއި 2018 - 15:53

ކޮލަމްބޯ (މެއި 13) - ސްރީ ލަންކާގެ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ޚާއްސަ ކޯޓުތަކެއް ހެދުމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުން ހިންގި ކަމަށް ބުނާ މަލްޓި ބިިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާނެ ކަމަށް މައިތުރިޕާލާ ސިރިސޭނާ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމާ އެކު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްދާލެއް ލަސްވުމުން ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކަށް އަދަބު ދެއްވާނެކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ކޯޓުތައް އުފައްދަން ފާސްކުރީ ޕާލަމެންޓުގެ 119-52 ވޯޓުންނެވެ. ޕާލަމެންޓުގައި ތިބި ރާޖަޕަކްސާގެ ވަފާތެރިން ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ.
"އާ ކޯޓުތަކުގެ ސަބަބުން ޖިނާއީ އިޖުރާއަތުގެ ނިޒާމަށް ޕްރެޝަރު ކުޑަވާނެ. އަދި މައްސަލަތައް ބެލުން އަވަސް ވާނެ،" ޖަސްޓިސް މިނިސްޓަރު ތަލަތާ އަތުކޮރަލެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް އުފައްދާ ކޯޓުތަކުން ބަލާނެ މައްސަލަތައް ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. އެއީ ސިޔާސީ ގޮތުން ކުރިމަތިވާ ޕްރެޝަރު ކުޑަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާޖަޕަކްސާގެ އެންމެ އިސް ބޭފުޅަކަށް ހުންނެވި ލަލިތު ވީރަތުންގާގެ މައްޗަށް ވަނީ ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އަދި ރާޖަޕަކްސާގެ ތިން ފިރިހެން ބޭފުޅުންގެ ތެރޭން ދެ ބޭފުޅެއްގެ މައްޗަށް ވަނީ މަނީ ލޯންޑްރީގެ ދައުވާ އުފުލައިފަ އެވެ. މީގެ އިތުރުން އާއިލާގެ އެހެން ބައެއް މެންބަރުންގެ ކޮރަޕްޝަނުގެ މައްސަލަތައް ވެސް މިހާރު ދަނީ ބަލަމުންނެވެ.