އުމަރުގެ ވެރިކަމެއްގައި ސިޔާސީ ބޭފުޅުންގެ ރަސްމީ ގަޑި އަކީ 6:30
އުމަރުގެ ވެރިކަމެއްގައި ސިޔާސީ ބޭފުޅުންގެ ރަސްމީ ގަޑި އަކީ 6:30

ރާއްޖޭގެ ރައީސް ކަމަށް އޭނާ އިންތިޚާބު ކޮށްފި ނަމަ، ސިޔާސީ ބޭފުޅުންގެ ރަސްމީ ގަޑި އަކީ ހެނދުނު 6:30 ކަމުގައި ހަމަޖައްސަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރުގެ ސަޕޯޓަރުންނާ އެކު ބޭއްވި މާހެފުމެއްގައި އޭނާ ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތު ރަނގަޅު ކުރަން "ހުދު އިންގިލާބެއް" ގެންނަން ޖެހޭ ކަމަށެވެ. އެ އިންގިލާބުގެ ސިފަތަކުގެ ތެރޭގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހަމަހަމަކަމާއި މުރާލި ކަން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ، މުރާލި ކަމުގެ އިންގިލާބެއް. އަޅުގަނޑުމެންގެ ސަރުކާރު ވާން ޖެހޭނީ މުރާލި ސަރުކާރަކަށް. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއް ފެށޭނީ ހެނދުނު 6:30 ގައި. މި ގަޑިން ފެށިގެން [ހަވީރު] ހަތަރެއް ޖަހަންދެން ސަރުކާރު ހުޅުވާފައި ހުންނާނެ،" އުމަރު ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވާ ގަޑިއާ ގުޅޭ ގޮތުން އޭނާ ރޭ ދެއްކެވި ވާހަކަ ބައެއް މީޑިއާތަކުގައި އޮޅުންއަރާ ގޮތަށް ރިޕޯޓްކުރަމުންދާ ކަަމަށް ވިދާޅުވެ ނޫސްވެރިންނަށް ފަހުން އުމަރު ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވީ، 6:30 ގައި އޮފީހަށް ނުކުންނަވަން ޖެހޭނީ ސިޔާސީ ބޭފުޅުން ކަމަށެވެ. އެއީ ސަރުކާރު މުވައްޒަފުންގެ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ހުންނެވިއިރު، ހެނދުނު 6:30 ގައި އޭނާ އޮފީހަށް ނުކުންނަވަ އެވެ.

އުމަރު ވިދާޅުވި ގޮތުގައި ސަރުކާރު ހުޅުވާ ގަޑި އަވަސްކޮށް، އޭނާގެ ވެރިކަމެއްގައި ފަސް އަހަރުން، ހަތް އަހަރުގެ މަސައްކަތް ނިންމާނެ އެވެ.

ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް، ޕީޕީއެމުން 2013 ގައި ބޭއްވި ޕްރައިމަރީގައި، ރައްޔިތުންނަށް އުމަރު ދިއްކޮށްލެއްވީ ހުދު ވަލެކެވެ. އެކަމަކު، އެ ޕްރައިމަރީގައި އޭނާގެ މައްޗަށް ކުރި ހޯއްދެވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

އުމަރު ވިދާޅުވީ ހުދު ވަލުގެ ބަދަލުގައި އޭނާ ބޭނުން ވަނީ މިފަހަރު "ހުދު އިންގިލާބެއް" ގެންނަން ކަމަށެވެ. އެ އިންގިލާބު ގެންނަން ރައްޔިތުންނަށް އޮތް ފުރުސަތަކީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަމަށް ވެސް ވިދާޅުވި އެވެ.

"އެ އިންގިލާބަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ހުދު އިންގިލާބު، އެއީ މުރާލި ކަމުގެ އިންގިލާބު. އެއީ އަދުލު އިންސާފުގެ އިންގިލާބު. މި ދަންނަވާ އިންގިލާބު، ތިޔަ ބޭފުޅުންގެ ވޯޓު ގަނޑުގެ ތެރެއިން ގެނެވޭނެ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅު ގޮތުގައި އެ އިންގިލާބުގެ ބަދަލުގައި، ރާއްޖެ މިހާރު މިއޮތް ހާލަތަށް ދޫކޮށްލުމުގެ އިޚްތިޔާރު ވެސް އޮތީ ރައްޔިތުންގެ އަތް މަތީގަ އެވެ. ގައުމާއި ރައްޔިތުންނަށް އޮތް ހެވަކީ "ހުދު އިންގިލާބެއް" ގެނައުން ކަމަށް ވިދާޅުވެ، އެ އިންގިލާބުގައި ބައިވެރިވެވަޑައިގަތުމަށް އުމަރު އެދިވަޑައިގެންނެވި އެވެ.

އެ އިންގިލާބު އަންނަން ޖެހެނީ، އުމަރު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ސިކުނޑިތަކާއި ދައުލަތުގެ މުއައްސަސާތަކަށެވެ. އެ އިންގިލާބަކީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ހަމަހަމަކަމުގެ އިންގިލާބު ކަމަށް ވެސް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަން ރައްޔިތުން އެދޭއިރު، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ކުރިއެރުން ލިބޭނީ އެ އިންގިލާބު ގެނެސްގެން ކަމަށެވެ.