ނަޖީބުގެ ގެ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފި
ނަޖީބުގެ ގެ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފި

ކުއާލަ ލަމްޕޫރު (މެއި 13) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ ގެ ހުންނަ ސަރަހައްދު ފުލުހުން މިއަދު ބަންދުކޮށްފި އެވެ.

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރަފީގު މުހައްމަދު މުސްތަފާ ވިދާޅުވީ ސެންޓުލް ޕޮލިސް ސްޓޭޝަނުގެ ފުލުހުން ނަޖީބުގެ ގޭގެ ސަރަހައްދު ބަންދު ކުރީ ސެކިއުރިޓީ މޮނިޓާ ކުރަން ކަމަށެވެ. ނަޖީބުގެ ގޭގެ މައި ގޭޓު ކައިރީ ފުލުހުންގެ ފަސް މީހުން ފޯރިމަރަމުން ދާ ކަމަށް ބަރްނަމާ ނޫހުން ބުންޏެވެ. އޭގެ އިތުރުން ނަޖީބުގެ ގެ ހިމެނޭ ސަރަހައްދުގައި މޯބައިލް ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށް އެ ސަރަހައްދުން ދަތުރު ކުރާ ވެހިކަލްތައް ދަނީ ޗެކް ކުރަމުންނެވެ. ބަންދުކޮށްފައިވާ ސަރަހައްދަށް ނޫސްވެރިން ވަނުން ވެސް ވަނީ މަނާކޮށްފަ އެވެ.

މެލޭޝިއާ އިން ފުރަން ނަޖީބު އިއްޔެ އުޅުއްވަނިކޮށް އިމިގްރޭޝަނުން ވަނީ އެކަން މަނާކޮށްފަ އެވެ. ނަޖީބު ފުރުއްވަން އުޅޭކަމުގެ އަޑުތައް ފެތުރުމުން ބައެއް މީހުން ވަނީ އޭނާ ހުއްޓުވަން އެއާޕޯޓަށް ވެސް ގޮހެވެ.