13 މެއި 2018 - 14:39

ރައްޔިތުން މަޖިލީހުގެ އަމީން އާންމުުގެ އެހީތެރިޔާގެ މަގާމަށާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި އެވެ.
އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށް ހަމަޖެއްސީ، މަޖިލީހުގެ ލީގަލް އޮފިސަރަކަށް ހުންނެވި ހަންނާނު ހުސައިނެވެ. ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ހަމަޖެއްސީ އަހުމަދު ފާއިޒް މުހައްމަދެވެ. ފާއިޒް ކުރިން ހުންނެވީ ޑިރެކްޓަރަކަށެވެ.
އެ ދެ މަގާމަށް މީހުން ހޯދުމަށް މަޖިލީހުގެ މުވައްޒަފުންނަށް ފުރުސަތު ހުޅުވައިލީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވީ ބުދަ ދުވަހު އެވެ.
އަމީން އާންމުގެ އެހީތެރިޔާގެ މަގާމުގައި މިހާރުވެސް ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ހާމިދު ޒަކަރިއްޔާ އާއި މުހައްމަދު ރަޝީދެވެ.
އެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 28،000ރ. ލިބޭ އިރު ލިވިން އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000ރ. ލިބޭނެ އެވެ. އަދި ވަޒީފާ އަށް ހާޒިރުވާ ކޮންމެ ދުވަހަކު 100 ރުފިޔާގެ އެލަވަންސަކާއެކު އިތުރު ގަޑީގެ ފައިސާ ވެސް ލިބެ އެވެ.
ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ކުރިން ހުންނެވީ މިހާރު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދެވެ. ދެ ހާސް ފަނަރަ ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ އެމްޑަބްލިޔުއެސްސީއާ ހަވާލުވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.
ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް މުސާރައިގެ ގޮތުގައި 25،000ރ. ލިބޭއިރު ލިވިން އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000ރ. ލިބޭނެ އެވެ. އަދި ވަޒީފާ އަށް ހާޒިރުވާ ކޮންމެ ދުވަހަކު 100 ރުފިޔާގެ އެލަވަންސަކާއެކު އިތުރު ގަޑީގެ ފައިސާ ވެސް ލިބެ އެވެ.
މަޖިލީހުގެ އިސް ދެ މަގާމަށް ބޭފުޅުން އައްޔަންކޮށް ދައުލަތުން ބޮޑު ހޭދައެއް ކުރާ އިރު ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ ގެއްލުނު ހިސާބުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ވަރަށް މަދުންނެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ.