13 މެއި 2018 - 13:12

ތެލް އަވީވް (މެއި 13) - ތެލް އަވީވްގައި ހުރި އެމެރިކާ އެމްބަސީ މާދަމާ ގުދުސް އަށް ބަދަލު ކުރުމުގެ ކުރިން އިޒްރޭލުގެ ހުރިހާ ހިސާބެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި އެވެ.
އިޒްރޭލުން ބުނީ ގާޒާ ސްޓްރިޕާއި ހުޅަނގު އައްސޭރީގައި ތިބޭ ސިފައިންގެ އަދަދު ދެ ގުނަ ކުރާނެ ކަމަށެވެ. އެއީ އެމްބަސީ ހުޅުވުމާ ދިމާކޮށް ފަލަސްތީނުން ކުރާ އިހްތިޖާޖްތައް ހުއްޓުވުމަށެވެ.
އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިނުގަންނަވާނެ އެވެ. ނަމަވެސް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އާއި އޭނާގެ ފިރިކަލުން ޖާރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޓްރަމްޕް ވަޑައިނުގެންނެވި ނަމަވެސް ވީޑިއޯ މެދުވެރިކޮށް ތަގްރީރު ކުރައްވާނެ އެވެ.
އެމްބަސީ ހުޅުވުމާ ދެކޮޅު ހެދުމުގެ ގޮތުން ގާޒާ ބޯޑަރުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު އިހްތިޖާޖް ކުރަން ދަނީ ތައްޔާރުވަމުންނެވެ. އިޒްރޭލުން ބުނެފައި ވަނީ އިހްތިޖާޖް ކުރާ މީހުން ހުއްޓުވުމަށް އެންމެ ފުރިހަމަ ބާރު ބޭނުން ކުރާނެ ކަމަށެވެ.