ރިޔާސީ އިންތިޚާބަށް އީސީއާ އެކު މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ
ރިޔާސީ އިންތިޚާބަށް އީސީއާ އެކު މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެ ކޮމިޝަނުން އިއުލާން ކޮށްފި އެވެ.

އީސީން ބުނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސައްކަތް ކުރުމަށް 179 ރަށެއްގެ ފޯކަލް ޕޮއިންޓުންނާއި 18 އަތޮޅު ފޯކަލް ޕޮއިންޓުން ބޭނުންވާ ކަމަށެވެ. އަދި އައްޑު އާއި ފުވައްމުލަކަށް ދެ ސިޓީ ފޯކަލް ޕޮއިންޓުން ހޯދަން ވެސް އީސީން ވަނީ އިއުލާންކޮށްފަ އެވެ.

ފޯކަލް ޕޮއިންޓުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކޮމިޝަނުން ބުނިގޮތުގައި، އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނާއި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާއާ ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރުމެވެ.

- ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްގައި މަސައްކަތް ކުރާ މީހަކަށް ވުން.

- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަން ކޮށްފައިވާ މަގާމެއް ފުރާ މީހަކަށް ނުވުން.

- ކެންޑިޑޭޓެއްގެ ކެމްޕޭނެއްގައި ބައިވެރި ނުވުން.

- އިންތިޚާބުގައި ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށް ނުވުން.

- ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކަށް ނުވުން.

އީސީން ބުނިގޮތުގައި، މަންދޫބުންނަށް އުޖޫރައެއްގެ ގޮތުގައި ކޮންމެ ދުވަހަކު ވެސް 200 ރުފިޔާ ދޭނެ އެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 150 ރުފިޔާ ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.