ރޫނީ އަށް ޝައުގުވެރިވޭ: ޑީސީ ޔުނައިޓެޑް
ރޫނީ އަށް ޝައުގުވެރިވޭ: ޑީސީ ޔުނައިޓެޑް

ވޮޝިންޓަން (މޭ 13) – އިނގިރޭސި ފޯވާޑް ވޭން ރޫނީ ގެންނަން އެމެރިކާގެ މޭޖާ ލީގުގެ ޑީސީ ޔުނައިޓެޑުން ޝައުގެރިވާކަން އެ ޓީމުގެ ކޯޗު ބެން އޮލްސެން ކަށަވަރުކޮށްދިން ނަމަވެސް، އެވަޓަންގެ ކޯޗު ސެމް އެލަޑީސް ބުނަނީ ކްލަބް ދޫކޮށްލަން ރޫނީ އެދިފައިނުވާ ކަމަށެވެ.

"ޑީލެއް ނެހެދޭ އެކަމަކު އަހަރެމެންގެ ކޮޅުން ޝައުގުވެރިކަން އެބަހުރި،" އޮލްސެން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑީސީން ވަނީ 2020 ވަނަ އަހަރުގެ މޭޖާ ލީގު ސީޒަން ނިމެންދެން ރޫނީ އަށް ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.

އެވަޓަންގެ ކޯޗު ބުނީ ކުޅުންތެރިން ދާން ބޭނުން ނަމަ އެކަމާ އޭނާގެ މައްސަލައެއް ނޯންނާނެ ކަމަށެވެ. އެކަމަކު އޭޏާ ބުނީ ޓްރާންސްފާތަކާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ ނުބެހޭ ކަމަށާއި އެހެންވެ އޭނާ އަށް އެނގޭ ހަމައެކަނި އެއްޗަކީ ޑީސީ ޔުނައިޓެޑުގެ ޝައުގުވެރިކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ކަމަށެވެ.

އެވަޓަން އިން 2002 ވަނަ އަހަރު ކެރިއަރު ފެށި ރޫނީ އެންމެ ބޮޑަށް ފާހަގަވީ 2004 އިން 2017 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އެ ޓީމަށް 559 މެޗުން 253 ގޯލް ޖަހައިދީ ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. އޭނާ އެވަޓަންއާ ގުޅުނީ މި ސީޒަނުގަ އެވެ.

އިންގްލެންޑް ގައުމީ ޓީމަށް 119 މެޗު ކުޅެދީފައިވާ އުމުުރުން 32 އަހަރުގެ ފޯވާޑްގެ ކުޅުމުގެ ސްޓައިލަށް ބަލާއިރު މޭޖާ ލީގުގައި ތަފާތު ދެއްކޭނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.