14 މެއި 2018 - 07:28

ބްރޮކޮލީއަކީ ސިއްހީ ފައިދާތައް ގިނަ ތަރުކާރީއެކެވެ. އޭގެ ފައިދާތަކުގެ ތެރޭގައި ހިތުގެ މައްސަލަތަކުން ދުރުކޮށްދިނުމާއި ލޮލުގެ ބަލިތަކާއި ކެންސަރާއި ކޮލެސްޓްރޯލް ފަދަ މައްސަލަތަކުން ދޫރުކޮށްދިނުމަށް އެހީވުން ހިމެނެ އެވެ.
"ދަ ފޯ ފިލާ ޕްލޭން" ގެ ލިޔުންތެރިޔާ ޑރ. ރަންގަން ޗެޓަޖީ ވިދާޅުވި ގޮތުގައި ބްރޮކޮލީއަކީ ނުކައި ދޫކޮށްލަންވާ ވަރުގެ އެއްޗެއް ނޫނެވެ. ބީބީސީގެ "ޑޮކްޓަ އިން ދަ ހައުސް" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ތަރުކާރީއެއް ކާ ނަމަ ކާންވީ "ހަމައެކަނި ބްރޮކޮލީ" ކަމަށެވެ. ރަންގަން އެގޮތަށް ފާހަގަކުރެއްވީ ބްރޮކޮލީން ލިއްބައިދޭ ފައިދާތައް ގިނަކަމުންނެވެ.
އެހެންވެ ހުރިހާ އުމުރެއްގެ މީހުން ވެސް ބްރޮކޮލީ ކެއުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ. ދާދި ފަހުން ހެދި ދިރާސާއެއްގައި ތުއްތު ކުދިންނަށް ހަ މަހުގައި ކާންދޭ ފަށާ އިރު ވެސް އެންމެ ރަނގަޅު އެއްޗަކީ ބްރޮކޮލީން ފެށުމެވެ. އަދި ބްރޮކޮލީ ކާ ނަމަ އުމުރުން ދުވަސްވީ އަންހެނުންނަށް ދިމާވާ ސިއްހީ ގިނަ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ޑރ. ރަންގަން ވިދާޅުވީ ބްރޮކޮލީ ކެއުމުން، ބަނޑަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުކޮށްދީ، މީހާގެ ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދޭ ކަމަށެވެ.
"ބްރޮކޮލީއަކީ ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ވެސް ރައްކާތެރިކޮށްދީ ކަށިތަކުގައި ރިއްސުންތަކުން ވެސް ސަލާމަތްކޮށް ދޭން އެހީވެދޭ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "ހަމަމިއާ އެކު މިއީ މީހާގެ މޫޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ތަރުކާރީއެއް."
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ބްރޮކޮލީން ލިއްބައިދޭ ހަގީގީ އަސްލު ފުރިހަމަ ފައިދާ ބޭނުން ނަމަ، އެ ރޯކޮށް ކެއުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. މީގެ އިތުރުން ފެނުކައްކައިގެންނާއި ސްޓީމްކޮށްގެން ވެސް ބްރޮކޮލީ ކެވި ދާނެ އެވެ.
އެކަމަކު ފްރައިކޮށްގެން ބްރޮކޮލީ ކާކަށް ތަޖުރިބާރުން ގަބޫލެއް ނޫނެވެ.