އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ހަތަރު ގައުމެއްގައި ބަހައްޓަނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ހަތަރު ގައުމެއްގައި ބަހައްޓަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށިތައް ހަތަރު ގައުމެއްގައި ބަހައްޓަން ނިންމައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވައިލާނެ އެވެ.

އެމްޑީޕީން ބުނީ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށިތައް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އާއި ކޭންޑީ އަދި އިންޑިއާގެ ޓްރިވެންޑްރަމާއި ބެންގަލޫރުގައި ބަހައްޓާނެ ކަމަށެވެ. އަދި މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރާއި އިނގިރޭސި ވިލާތުގެ ލަންޑަނުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.

އެމްޑީޕީން ބުނިގޮތުގައި އެ ޕާޓީން އިންތިޚާބު ކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެން ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމުގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާއި އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ވަރަށް ފޯރިއާ އެކު ކުރިއަށް އެބަގެންދަވަ އެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަޝީދަށް ވަނީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެއް ކެންޑިޑޭޓަކު ހޮވަން މި ޕާޓީތަކުގެ މަންދޫބުންނާ އެކު އެކުލަވާލާފައިވާ ކޮމެޓީން ކުރިން މަޝްވަރާ ކޮށްފައި ވަނީ، ޕާޓީތަކުން ވަކިވަކި ޕްރައިމަރީތަކެއް ބޭއްވުމަށް ފަހު، ހޮވޭ ކެންޑިޑޭޓުންނާ އެކުު ކޯލިޝަން ޕްރައިމަރީއެއް ބޭއްވުމަށެވެ.

އިދިކޮޅު އެއް ކެންޑިޑޭޓު ކަނޑައަޅާނީ އެ ޕްރައިމަރީގައި ކަމަށް ވާހަކަ ދެކެވުނަސް އެކަން ރަސްމީކޮށް ނިމުނު ކަމެއް މިހާތަނަށް މީޑިއާ އަށް ހާމަކޮށްފައެއް ނުވެ އެވެ.