14 މެއި 2018 - 07:32

ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމް "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ އަނެއްކާވެސް ކަރަންގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖާންވީ، 21، މި ފަހަރު ސޮއިކުރީ "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާންއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރާޖް މެހެތާ ޑައިރެކްޓް ކުރާ ފިލްމަށެވެ. ފިލްމްގެ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
ފިލްމްގެ ވާހަކަ ފުރަތަމަ ސުރުހީތަކަށް އެރީ އޭގެ ލީޑް ރޯލް ކުޅޭނީ ކަރީނާ ކަޕޫރާއި ސިދާތު މަލްއުތުރާ ކަމަށް ބުނެ އެވެ. އެކަމަކު މިހާރު ރިޕޯޓްތައް ބުނާ ގޮތުން ކަރީނާ އެކު، ފިލްމުން ފެނިގެން ދާނީ އެހެން އެކްޓަރެކެވެ.
އަދި މީގެ ކާސްޓުންގެ ތެރޭގައި ކާތިކް އާރިޔަން ހިމެނޭ އިރު، އޭނާ ފެނިގެން ދާނީ ޖާންވީއާ އެކު ކަމަށް ރިޕޯޓްތައް ބުންޏެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ކަރަން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޓްވިޓާގައި ވެސް އޭނާ މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނަނީ ކަރަން ވަރަށް އަވަހަށް ފިލްމް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ކަރަން މި ފަހުން ފިލްމްތައް އާންމުކޮށް އިއުލާން ކުރަނީ ޓްވިޓާގަ އެވެ.
ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 20 ގަ އެވެ. ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު ބަތަލުގެ ރޯލުން ފެނިގެންދާ ފިލްމްގެ ޝޫޓިން ވެސް މިދިޔަ މަހު ވަނީ ނިންމާލައިފަ އެވެ.
"ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ގިނަ ބަޔަކު މިހާރު ތިބީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ބަތަލާ އަދި ދާދި ފަހުން މަރުވި ސްރީދޭވީގެ ދަރިފުޅު ޖާންވީގެ އެކްޓިން ދެކިލާ ހިތުން ވެސް ކެތްމަދުވެފަ އެވެ.
ގިނަ ބަޔަކު ބުނަނީ ޖާންވީއަކީ މަންމަގެ ޖާދޫ ބޮޑު ސްކްރީނުގައި ދައްކައިލާނެ ބަތަލާއެއްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެހެންވެ "ދަޅަކް" ގެ ޓްރެއިލާ އަށް ވެސް ކުރެވޭ އިންތިޒާރީތައް ވެސް ބޮޑެވެ.