ފައިނަލު ޖާގަ ހޯދަން ދެ ޓީމަށް ވެސް މުހިއްމު މެޗެއް
ފައިނަލު ޖާގަ ހޯދަން ދެ ޓީމަށް ވެސް މުހިއްމު މެޗެއް

މިހާރު ކުރިޔަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ މުބާރާތުގައި މިއަދު ކްލަބް ވެމްކޯ އާއި މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން ކުޅޭ މެޗަކީ މި މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުވެގެންދާނެ މެޗެވެ.

ތިން ޓީމު ވާދަކުރާ ދެ ވަނަ ބުރުގައި މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ވެމްކޯ އަތުން ޕޮލިސް ކްލަބް ބަލިވީ 3-1 ސެޓުންނެވެ. ދެ ވަނަ މެޗުގައި ޕޮލިހުން އިން ވަނީ މާފަންނުގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިފަ އެވެ.

މި ވަގުތު ޕޮއިންޓް ޓޭބަލަށް ބަލާއިރު ކުރީގައި އޮތީ ތިން ޕޮއިންޓާ އެކު ވެމްކޯ އެވެ. ޕޮލިހަށް ދެ ޕޮއިންޓް ލިބިފައިވާއިރު، މާފަންނަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ފައިނަލުގެ ޖާގަ ހޯދަން މިރޭގެ މެޗުގެ ނަތީޖާ ވެމްކޯ އާއި މާފަންނުގެ އިތުރުން ކުޅިބަލަން ތިބޭ ޕޮލިސް ޓީމަށް ވެސް މުހިއްމެވެ.

ދިވެހި ސިފައިންގެ ކްލަބް ކޯޗު މުމްތާޒް އަލީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވެމްކޯ ޓީމުގައި ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ޖޫޒާން އާއި އައިމިނަތު އަރީޝާ އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މާފަންނު ޓީމުގެ އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އައިޝަތު މާޖިދާ އެވެ.

މުބާރާތުގައި މާފަންނާއި ވެމްކޯ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ. ފައިނަލް މެޗު އޮންނާނީ މާދަމާރޭ 20:00 ޖަހާއިރު އެވެ.