ނޯތު ކޮރެއާގެ ނިއުކްލިއާ ސައިޓް ނައްތާލަނީ
ނޯތު ކޮރެއާގެ ނިއުކްލިއާ ސައިޓް ނައްތާލަނީ

ޕިއޮންޔޮން (މެއި 13) - ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓްކުރާ ސައިޓް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހު ތެރޭ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ފަހު، ނައްތާލާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ މި މަހު 23-25 އާ ދެމެދު ބާއްވާ ރަސްމިއްޔާތަށް ބޭރުގެ ނޫސްވެރިންނަށް ވެސް ދައުވަތު ދޭނެ ކަމަށެވެ. ސައެންސްވެރިން ކުރިން ބުނެފައި ވަނީ ނިއުކްލިއާ ޓެސްޓްކުރާ ސައިޓުން ބައެއް މިދިޔަ ސެޕްޓެމްބަރު މަހު ވެއްޓިފައިވާ ކަމަށެވެ.

ނިއުކްލިއާ ޓެސްޓް ކުރާ ސައިޓް ނައްތާލަން ނޯތު ކޮރެއާ އިން މިއުޅެނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫން 12ގައި ބާއްވާ ސަމިޓުގެ ކުރިންނެވެ.

ސައުތު ކޮރެއާގެ އޮފިޝަލުން އެޕްރީލް މަހު ބުނެފައި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ސައިޓް މެއި މަހު ބަންދު ކުރާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ސައުތު ކޮރެއާ އާއި އެމެރިކާގެ ނިއުކްލިއާ އެކްސްޕާޓުންނަށް ދައުވަތު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ބޭރުގެ އެކްސްޕާޓުންނަށް ދައުވަތު ދޭ ވާހަކަ ނޯތު ކޮރެއާ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ޕަންގީޔެ-ރި ސައިޓް ނައްތާލާ އިރު ގޮވާތަކެތި ހަރުކޮށްގެން ޓަނެލްތައް ގޮއްވާލުމާއި އޮބްޒަވޭޝަން ފެސިލިޓީޒް ނައްތާލުމާ އަދި ރިސާޗް ބިލްޑިންތަކާއި ސެކިއުރިޓީ ޕޯސްޓްތައް ނައްތާލުން ހިމެނެ އެވެ. އެ ރަސްމިއްޔާތަށް ސައުތު ކޮރެއާ، ޗައިނާ، އިނގިރޭސި ވިލާތް، އެމެރިކާ އަދި ރަޝިޔާގެ ނޫސްވެރިންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެހާސް ހަ ވަނަ އަހަރުގެ ފަހުން ނޯތު ކޮރެއާ އިން ވަނީ ހަ ނިއުކްލިއާ ޓެސްޓް ކޮށްފަ އެވެ. ނޯތު ކޮރެއާ އިން އެންމެ ފަހުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރި ނިއުކްލިއާ ޓެސްޓްތަކަށް ފަހު އެ ސަރަހައްދަށް ލޮޅުންތަކެއް އެރި ކަމަށް ބުނެފައިވެ އެވެ.