ސިޔާސީ ހަމަޖެހުން އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން: ނަޝީދު
ސިޔާސީ ހަމަޖެހުން އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން: ނަޝީދު

ރިޔާސީ ނިޒާމާ ރާއްޖެއާ ނުގުޅޭކަން ކަށަވަރުވެފައިވާ ކަމަށާއި ސިޔާސީ ހަމަޖެހުން އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދު ވީޑިއޯ މެދުވެރިކޮށް، ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ "ބާރުގަދަ ރައީސަށް" ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރެވޭ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

އެހެންވެ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ހަ އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާނީ މިހާތަނަށް ނިންމާނެ އެންމެ މުހިންމު ނިންމުމެވެ. އަދި އެ އިންތިޚާބު ކާމިޔާބުކޮށް، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު ހުވާ ކުރައްވާނީ ގާނޫނުއަސާސީގެ ތެރެއިން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޚާބު ކުރާ ރައީސެއްގެ ފުރަތަމަ މަސައްކަތަކަށް ވާނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު އެއް އަހަރަށް ދަންމާލުން ކަމަށެވެ. އަދި އެ މުއްދަތުގައި، ރާއްޖޭގައި ހަރުދަނާ ޝަރުއީ ނިޒާމެއް ހިންގުމަށާއި ޖިނާއީ އަދުލުގެ ނިޒާމާއި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، މިނިވަން މުއައްސަސާތަކަށް ގާނޫނީ އިސްލާހުތަކެއް ގެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ވިދާޅުވީ، މަޖިލީހުގެ ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫން ކަމަށާއި ޕާޓީތައް ގުޅިގެން ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ އެތައް ނުބައެއްގެ ފެށުން ކަމަށެވެ.

ރާއްޖޭގައި ހުރި ބައެއް މައްސަލަތަކަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ތަކެތީގެ އަގު އުފުލަމުން ދިއުމާއި އާމްދަނީ މަދުވުމާއި ގޭގެ ކުލި ދެއްކުމުގައި ދަތިތައް ހުރުމާއި ބާނާ މަހުގެ އަގު ދަށްވުމާއި ޓޫރިސްޓުން ރާއްޖެ އަށް އަންނަ އަދަދު ދަށްވެ، އިގްތިސާދު މަޑުޖެހިފައިވާ ކަމަށެވެ.

"ވެރިން ކުރާ ވައްކަމާއި ހިންގާ ފަސާދަ އިންތިހާ އަށް އިތުރުވެއްޖެ. ހަނގުރާމަވެރި ޖަމާއަތްތަކާ ދިވެހިން ގުޅެން ފަށައިފި. ދިވެހި ޒުވާން ޖިންސުން ލަތީފުން ހަނގުރާމަވެރިންގެ ޖާރިޔާއިންގެ ގޮތުގައި ވިއްކަން ފަށައިފި. ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްފި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ ފަރުދީ މިނިވަންކަން ކަށަވަރުވުމަށާއި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބޭ އެންމެހައި ހައްގުތައް އެއްވެސް އިސްތިސްނާއެއް ނެތި މުތުލަގަށް ލިބިދިނުމަށެވެ. އަދި ހިމާޔަތާއި އިނާޔަތް ތަފާތު ނުކޮށް ލިބޭނެ ޔަގީން ކަމެއް ދިވެހިން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވާދަވެރި ސިޔާސީ ނިޒާމެއް ދިވެހިން ހިޔާރު ކުރީ އަދާވަތްތެރި ސިޔާސީ ނިޒާމެއް ދުށުމުގެ ނިޔަތަކު ނޫން. ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ދިވެހިން ބޭނުންވީ އެއް ބާރު އަނެއް ބާރުގެ މައްޗަށް ގަދަވެގަނެގެން ހިންގާ ވެރިކަމެއް ބޭނުން ނުވާތީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ބޭއްވި ހަތް އިންތިޚާބުގައި ރައްޔިތުން ވޯޓު ދީފައި ހުރި ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ހިތްތަކަށް ފިނި ކަމެއް ގެންނަން ޖެހޭ ކަމަށެވެ.