55 އަހަރަށް ފަހު ހެމްބާގް ރެލިގޭޓްވެއްޖެ
55 އަހަރަށް ފަހު ހެމްބާގް ރެލިގޭޓްވެއްޖެ

ހެމްބާގް، ޖާމަނީ (މެއި 13) - ޖަރުމަނު ލީގުގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ހެމްބާގް 55 އަހަރަށް ފަހު ރެލިގޭޓްވެއްޖެ އެވެ.

އަށާރަ ޓީމު ކުޅޭ ޖަރުމަނު ލީގުގެ ފުލަށްދާ ދެ ޓީމެއް ރެލިގޭޓްވެ އެވެ. ލީގުގެ ފަހު މެޗުން ހެމްބާގް ރޭ އަމިއްލަ ދަނޑުގައި ބޮރުސިއާ މޮންޗެންގްލަޑްބެކް އަތުން މޮޅުވި ނަމަވެސް އެ ޓީމު ރެލިގޭޓްވީ ވުލްފްސްބާގް ކުޅުނު މެޗުން މޮޅުވުމުންނެވެ.

ވުލްފްސްބާގަށް ރޭގެ މޮޅާ އެކު 34 މެޗުން 33 ޕޮއިންޓް ލިބުނުއިރު، ހެމްބާގަށް 34 މެޗުން ހަމަކުރެވުނީ 31 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފަހު ވަގުތު ހެމްބާގް ސަޕޯޓަރުންވަނީ ދަނޑަށް ފަޓާސް އުކައި މެޗު ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފަ އެވެ. މެޗަށް ފަހު ހެމްބާގްގެ ރައީސް ބާންޑް ހޮފްމަން ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި އެއް ދުވަސް ކަމަށެވެ.

"މިއީ މި ކްލަބާ ގުޅުން އޮންނަ ކޮންމެ މީހަަކަށް ވެސް ވަރަށް އަސަރުކުރާނެ ވަގުތެއް. އަހަރެމެން އަތުން މި ގެއްލިދިޔައީ ވަރަށް ބޮޑު ފަހުރެއް. ކްލަބްގެ ރޫހު ނެތިގެންދިޔަ ފަދަ." ހޮފްމަން ވިދާޅުވި އެވެ.

ޖަރުމަނު ލީގު ބުންޑަސްލީގާ އަށް ރީބްރޭންޑްކުރީ 1963 ވަނަ އަހަރު އެވެ. އޭގެ ފަހުން ހުރިހާ އަހަރެއްގައި ލީގުގައި ވާދަކުރަމުން އަންނަ ހަމައެކަނި ޓީމަކީ ހެމްބާގް އެވެ. އެ ޓީމުން ވަނީ ހަ ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި 1983 ވަނަ އަހަރު ޔޫރަޕިއަން ކަޕް ވެސް ކާމިޔާބު ކުރި އެވެ.