އައިމެކްސް ވެސް ސައުދީ އަރަބިއްޔާ އަށް
އައިމެކްސް ވެސް ސައުދީ އަރަބިއްޔާ އަށް

ސައުދީ އަރަބިއްޔާގެ ސިނަމާތައް މިދިޔަ މަހުގެ ތެރޭގައި ހުޅުވައި މުނިފޫހި ފިލުވުމުގެ ދާއިރާގެ ހަބަކަށް އެ އެ ގައުމު ހަދަން ފަށާފައިވާ މަސައްކަތުގެ ދަށުން އައިމެކްސްއާ އެކު ވެސް އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމެރިކާގެ ކުންފުނި ވޮކްސްއާ ގުޅިގެން ސައުދީގެ ފުރަތަމަ އައިމެކްސް ފޯމެޓް ސިނަމާ ރިޔާދުގައި ހުޅުވުމަށް ފަހު، އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސައުދިީގެ އެކި ކަންކޮޅުތަކުގައި އައިމެކްސްގެ 20-30 ސިނަމާ ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.

ސައުދީގެ ޖެނެރެލް ކަލްޗަ އޮތޯރިޓީއާ އެކު ހެދި އެއްބަސްވުމަށް ފަހު، އައިމެކްސްގެ ސީއީއޯ ރިޗް ގެލްފޮންޑް ވިދާޅުވީ އެއްބަސްވުމުގެ ހަމައެކަނި ބޭނުމަކީ މަތީ ފެންވަރުގެ ތިއޭޓަރުތައް ގާއިމު ކުރުން ނޫން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސައުދީގައި ފިލްމާއި ޑޮކިއުމަންޓްރީ ހަދާ މީހުންނަށް އައިމެކްސް ފޯމެޓްގައި ފިލްމްތައް ހަދަން ފަންނީ އެހީތެރިކަން ދިނުމާއި އެ މީހުންގެ ފިލްމްތައް އިންޓަނެޝަނަލް މާކެޓަށް ނެރެދިނުމަށް މަސައްކަތްކޮށް ދިނުމާއި ސައުދީގައި ބޮޑެތި ސްޓޫޑިއޯތަކުގެ ފިލްމްތައް ހަދަން ފުރުސަތު ފަހިކޮށް ދިނުން ފަދަ ކަންކަން ކުރުން ހިމެނެ އެވެ.

"ސައުދީން މި ހުޅުވުނު ފުރުސަތަކާ އެކު އެ ގައުމުވެގެން ދާނީ މެދުއިރުމަތީގައި އަހަރެމެންގެ އެންމެ ބޮޑު މާކެޓަށް،" ރިޗް ވިދާޅުވި އެވެ. "މަންޒަރުތައް މިހާރު ފެންނަ ގޮތަށް ބަލާ އިރު ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަނީ."

ސައުދީގެ ސިނަމާތައް ބަންދުކޮށްފައި ހުންނަތާ 35 ވަރަކަށް އަހަރު ފަހުން އަލުން ސިނަމާތައް ހުޅުވައި ފިލްމްތައް ދައްކަން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ގައުމުގައި އެޅުވި ފުރަތަމަ ފިލްމަކީ "ބްލެކް ޕެންތާ" އެވެ.