14 މެއި 2018 - 07:30

އަޑު އިވުމުގެ ހިއްސާ ކާނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެކަމަކު އެއީ އެހާ ބޮޑަށް ވިސްނައިލެވިފައި އޮތް ކަމަކަށް ނުވިޔަސް އަޑު އިވުމުގެ ހިއްސަށް ދުޅަހެޔޮ ޑައިޓެއް ނުވަތަ ސިއްހަތަށް ފައިދާ ހުރި ކާނާ މުހިންމެވެ.
ދިރާސާއެއްގައި މި ވަނީ އޭގެ މުހިއްމުކަން ކިޔައި ދީފަ އެވެ. ހާއްސަކޮށް އަންހެނުންނަށެވެ.
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުން ސިއްހަތަށް ރަނގަޅު ކާނާ ނުކާ ނަމަ، އަޑު އިވުމުގެ ހިއްސަށް ނޭދެވޭ އަސަރު ކުރެ އެވެ. އަދި އިވުމުގެ ހިއްސުން މަހުރޫމު ވެސް ވެދާނެ އެވެ.
އިނގިރޭސިވިލާތުގެ ބްރިގެމް ވިމެންސް ހޮސްޕިޓަލުން ހެދި ދިރާސާއެއްގައި ވަނީ ތަފާތު ތިން ބާވަތެއްގެ ޑައެޓްތަކުން އަންހެނުންގެ އަޑު އިވުމުގެ ހިއްސަށް އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބަލައިފަ އެވެ.
އެއީ ކާބޮހައިޑްރޭޓްސް އެކުލެވޭ ބާވަތްތަކާއި މޭވާ އާއި ތަރުކާރީ އާއި މަހާއި ނަޓްސްގެ ބާވަތްތަކާއި ޒައިތޫނި ތެޔޮ ފަދަ ބާވަތައް ހިމެނޭ ގޮތަށް ނަގާ އޮލްޓަނެޓިވް މެޑިޓެރޭނިއަން ޑައެޓް (އޭއެމްއީޑީ) އާއި މޭވާ އާއި ތަރުކާރީ ލޯ-ފެޓް ޑައެރީ އާއި ސޯޑިއަމް އެކުލެވޭ މާއްދާތައް މަދު ޑައިޓްރީ އެޕްރޯޗް ޓް ހައިޕަޓެންޝަން (ޑޭޝް) ގެ އިތުރުން އޭއެމްއީޑީ އާއި ޑޭޝްގައި ހިމެނޭ އާންމު މާއްދާތައް އެކުލެވޭ ގޮތަށް ނަގާ އޮލްޓަނެޓިވް ހެލްދީ އިންޑެކްސް-2010 (އޭއެޗްއީއައި-2010) އެވެ.
ދިގު މުއްދަތަކަށް މި ތިން ޑައެޓް ނެގި އަންހެނުންގެ މައުލޫމާތު އެއްކޮށް ބެލި އިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ އެ މީހުންގެ އިވުމުގެ ހިއްސަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތް ކަމަށް ދިރާސާ ޓީމްގައި ހިމެނުނު ޝެރޮން ކާހަން ވިދާޅުވި އެވެ.
"އެހެންވެ ވަރަށް މުހިއްމު އަބަދު ވެސް ދުޅަހެޔޮ ޑައެޓެއް ފޮލޯ ކުރުން. އުމުރުން ދުވަސްވާރަކަށް އަޑު އިވުމުގެ ހިއްސު ވެސް ބަލި ކަށި ވާނެ،" ޝެރޮން ވިދާޅުވި އެވެ. "އެހެންވެ ދުޅަހެޔޮ ޑައިޓެއްގެ މުހިއްމުކަން ބޮޑު."
އޭނާ ފާހަގަކުރެއްވި ގޮތުގައި އޭއެމްއީޑީ އާއި ޑޭޝްގައި އަދި އޭއެޗްއީއައި-2010 އަށް ގަވައިދުން ފޮލޯކުރާ ނަމަ، މީހާގެ އިވުމުގެ ހިއްސަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްކޮށްލަ އެވެ.