14 މެއި 2018 - 07:29

ގޫގުލް ވެއާ އޯއެސް ސްމާޓް ގަޑިތަކުގައި ބޭނުންކުރާނެ މާ ގިނަ ޗިޕްތަކެއް ނެތެވެ. އޮތް ހަމައެކަނި އިޚްތިޔާރަކީ "ސްނޭޕްޑްރޭގަން ވެއާ 2100" ޗިޕް އެވެ. އެ ޗިޕްތަކަށް މާ ގިނަ ދުވަސްވެއްޖެ ކަމަށް ދަނީ ބުނަމުންނެވެ. ވެއާ އޯއެސް ގަޑިތަކުގައި ޒަމާނީ އިތުރު ފީޗާތައް ހިމެނުމަށްޓަކައި ޗިޕްތައް އާކުރަން ވެއްޖެ ކަމަށް ބުނެ ކިޔުނު ފާޑުކިޔުންތަކަށް ކުއަލްކޮމް މިހާރު ވަނީ ޖަވާބުދީފަ އެވެ. އާ ޗިޕްތަކެއް ޑިޒައިންކުރަން ވަނީ ފަށައިފަ އެވެ.
ކުއަލްކޮމް އިން ބުނި ގޮތުގައި، އާ ޗިޕްތައް ޑިޒައިންކުރުމުގައި މުސްކުޅި ޗިޕަކުން އެއްވެސް ފީޗާއެއް ވާރުތައެއް ނުކުރާނެ އެވެ. އެއްގޮތް ފިޗާތަކެއް ހުންނާނެ ކަމަށް ބުނަމުން ބުނީ، އެއީ ސްމާޓްގަޑިތަކުގައި ކޮންމެހެން ވެސް ހުންނަންޖެހޭ ސިފަތައް ކަމަށެވެ. ވެއާ އޯއެސް ސްމާޓް ގަޑިތައް ތުނިކުރުމަކީ އަމާޒަކަށް ހަދާނެ ކަމަށް ކުއަލްކޮމް ބުނެ އެވެ. އަދި ގިނައިރު ބެޓެރީ ދެމެހެއްޓޭނެ މެކޭނިޒަމެއް ހިމަނާނެ ކަމަށް ވެސް ބުނެ އެވެ.
ވެއާ އޯއެސްގެ އަސާސަކީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އެވެ. ވެއާ އޯއެސް އަށް ނަން ބަދަލުކުރުމުގެ ކުރިން އެ ގަޑިތަކަށް ކިޔައި އުޅުނީ "ވެއާ އޯއެސް ބައި ގޫގުލް" އެެވެ. އޭގެ ކުރިން އެއީ "އެންޑްރޮއިޑް ވެއާ" އެވެ.
އަލަށް ޑިޒައިންކުރާ ޗިޕްތަކުގައި ހުންނާނެ ކުޅަދާނަކަމާ ބެހޭ ގޮތުން އިތުރަށް ހާމަކުރާކަށް ކުއަލްކޮމް ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް ސްމާޓް ގަޑީގެ އަސާސަކީ ގަޑި ކަމަށް ވާތީ އެއީ ބަލާލަން ރީތި އާލާތަކަށް ވާންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި "އޯލްވޭސް އޮން ޑިސްޕްލޭ"، އަބަދު ވެސް ޑިސްޕްލޭ އަށް ގަޑި އަރާފައި އިންނަ ގޮތަށް ޑިޒައިންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކުއަލްކޮމްގެ މި ޚަބަރަށް، ވެއާ އޯއެސް ސްމާޓް ގަޑިތައް އުފައްދާ ކުންފުނިތަކުން ދަނީ ޝައުގުވެރިވަމުންނެވެ. އަދި އެއީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.