12 މެއި 2018 - 18:36

ކުއާލަ ލަމްޕޫރު (މެއި 12) - މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އަންނަ އަންގާރަ ދުވަހު މިނިވަން ކުރާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އަންވަރުގެ ދަރިކަނބަލުން ނޫރުލް އިއްޒާ ޗެނަލް ނިއުސް އޭޝިއާ އަށް މިއަދު ވިދާޅުވީ އޭނާގެ ބައްޕަ މިނިވަން ކުރުމާ ގުޅޭ ގޮތުން ލިޔެކިޔުންތައް މިހާރު ދަނީ ފުރިހަމަ ކުރަމުން ކަމަށެވެ.
އާ ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިއްޔެ ވިދާޅުވީ އަންވަރަށް މައާފް ދިނުމަށް ރަސްގެފާން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އަންވަރު ޖަލުން ދޫކޮށްލާނެ ދުވަހެއް މަހާތިރު ވިދާޅުވެއް ނުވެ އެވެ.
މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.
އަންވަރު މިނިވަންވުމުން ބޮޑު ވަޒީރުކަން ހަވާލު ކުރަން މަހާތިރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އަންވަރު ޖަލުން ނެރުނު ނަމަވެސް އޭނާ އަށް ދައުލަތުގެ މަގާމެއް އަދާކުރެވޭނީ ޝާހީ މައާފެއް ލިބުމުންނެވެ. މަހާތިރުގެ ނައިބަކަށް ހަމަޖައްސާފައި ވަނީ އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލެވެ.