12 މެއި 2018 - 18:16

ކުއާލަ ލަމްޕޫރު (މެއި 12) - ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) ޕާޓީގެ ރައީސްގެ މަގާމުންނާއި މެލޭޝިއާ މިނިވަންވީއްސުރެ ވެރިކަމުން ކުރަމުން އައި ބަރިސަން ނޭސަނަލް (ބީއެން) ކޯލިޝަންގެ ޗެއާމަންގެ މަގާމުން ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ވަކިވެވަޑައިގެންފި އެވެ.
"މިވީ ގޮތުން އަހަރެމެން އެންމެންނަށް ވެސް ވަރަށް ދެރަ. އެކަމަކު މިއީ ޑިމޮކްރެޓިކް ހަމަތައް ގަބޫލްކުރާ ޕާޓީއަކަށް ވާތީ ރައްޔިތުންގެ ނިންމުން ވަނީ ގަބޫލްކޮށްފައި،" ބުދަ ދަވަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އަށް އިޝާރާތް ކުރައްވައި ނަޖީބު ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އަމްނޯގެ އާ ރައީސްގެ މަގާމާ ދެން ހަވާލުވާނީ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަހުމަދު ޒާހިދު ހާމިދީ ކަމަށެވެ.
ޕާޓީގެ ލީޑަރުކަމުން ނަޖީބު އިސްތިއުފާ ދެއްވި އިރު އޭނާ ގައުމުން ބޭރަށް ފުރާވަޑައިގަތުން މިއަދު ވަނީ މަނާކޮށްފަ އެވެ. މެލޭޝިއާގެ އިމިގްރޭޝަނުން ނަޖީބު ބްލެކްލިސްޓްކޮށްފައި މި ވަނީ އިންތިޚާބަށް ފަހު ކުރު ޗުއްޓީއެއްގައި އަނބިކަނބަލުންނާ އެކު ގައުމުން ބޭރަށް ވަޑައިގަތުމަށް ފަހު އަންނަ ހަފުތާގައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ނަޖީބުގެ ފޭސްބުކުގައި އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ނަޖީބުގެ މައްޗަށް ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގެ 700 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ތުހުމަތު ކޮށްފަ އެވެ. މަހާތިރު މުހައްމަދު ރިޓަޔާ ކުރެއްވިތާ 15 އަހަރު ފަހުން ސިޔާސީ މައިދާނަށް އަލުން ނުކުންނަވަން ޖެހުނީ ވެސް ނަޖީބުގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމުން ކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފަ އެވެ. މަހާތިރު ވަނީ ބޮޑު ވަޒީރުކަމުގެ ހުވާ ބުރާސްފަތި ދުވަހު ކުރައްވައިފަ އެވެ.
މަހާތިރު ވިދާޅުވެފައި ވަނީ ނަޖީބުގެ ކިބައިން ބަދަލު ހިފަން ނޫޅުއްވާނެ ކަމަށާއި ނަމަވެސް ކޮރަޕްޝަން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.