12 މެއި 2018 - 19:22

ރާއްޖެ އާއި އިންޑިއާގެ ސިފައިން ގުޅިގެން ބާއްވާ ތަމްރީނުތަކެއްގައި ބައިވެރިވުމަށް އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ނުލިބެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން "ސުމައިދާ" ނަމަކަށް ކިޔާ މަނަވަރު ރާއްޖެ އައީ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިންގެ 12 މީހަކު މާފިލާފުށީގައި ތަމްރީނުތަކެއް ހަދަމުން އަންނަ ކަމަށް އިންޑިއާގެ ނޫހެއްގައިވެ އެވެ.
މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ސަވައިލަންސް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.
އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަށް ދައުވަތު ދިނެވެ. އެކަމަކު، އެ ތަމްރީނުތަކުގައި ދިވެހި ސިފައިން ބައިވެރިއެއް ނުވެ އެވެ.
ތަމްރީނުތަކުގައި ބައިވެރި ނުވީ، ރާއްޖެ އަށް އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ކަމަށާއި މި ހާލަތުގައި ސިފައިންގެ ޚިދުމަތް ގައުމަށް މުހިއްމު ކަމަށް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފަ އެވެ. ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާ އިން ދިން ދައުވަތު ރާއްޖޭން ގަބޫލުނުކުރީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ހެދި ކަމަށް މީޑިއާގައި ރިޕޯޓު ކުރި ވާހަކަ ވަނީ ދޮގުކޮށްފަ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލައިގައި އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން އޭރު އިންޑިއާ އިން ގޮވާލި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ އެކު ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ގުޅުއްވައި، ވާހަކަ ވެސް ދައްކަވައިފަ އެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވައިގެން އިންޑިއާ އަށް ސީރިއަސް ތުހުމަތުތަކެއް ވެސް، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ކުރެ އެވެ.